15 އޮކްޓޯބަރު 2019
ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގައި ގެ 64 ވަނަ މާއްދާ ގައި 'މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ޝިކާރައަށްވީ މީހާއަށް، ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިންގ މި އޮތޯރިޓީގެ ޚަރަދުގައި، މި އޮތޯރިޓީން އިންތިޒާމްކުރާ އުސޫލެއްގެމަތިން، މި އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސައިދޭންވާނެ' ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގެ ދަށުން އަނިޔާގެ ޝިކާރައަކަށްވާ މީހުން އަނބުރާ ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް ބޭނުންވާ ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށް، 2019 ވަނަ އަހަރުގެ ތެރޭގައި މި ޚިދުމަތް ފޯރުކޮށްދޭން ވަނީ ފަށާފައެވެ.
މި ގޮތުން، ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު ގެޒެޓްކޮށް، މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ހާލަތު ވަޒަންކުރުމަށްޓަކައި ބޭނުންކުރާނެ މިންގަނޑުތަކާއި ޓޫލްތައް ތައްޔާރުކޮށް، ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ވަނީ ރިފަރަލްގެ ނިޒާމެއް އެކުލަވައިލާފައެވެ. މި މިންގަޑަށް ބަލައި، ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން، ނަފްސާނީ އެހީތެރިކަމަށް ބޭނުންވާކަމަށް ކަނޑައަޅާ ފަރާތްތަކަށް މި އޮތޯރިޓީގެ ޚަރަދުގައި އިންސްޓިޓިއުޓް އޮފް މެންޓަލް ވެލްބީންގ މެދުވެރިކޮށް ކައުންސެލިންގ ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުސޫލަށް އަހުލުވެރިކުރުމުގެ ގޮތުން އެއް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ގުޅުން ހުރި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވަނީ ހިންގިފައިވެއެވެ.
މި ޚިދުމަތް ފޯރުކޮށްދެވޭނެގޮތުގެ ޗާޓެއް ތިރީގައިއެވަނީއެވެ.