ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން، "ގެވެށި އަނިޔާއާ ގުޅޭ ދިރާސާތަކުގެ ޤައުމީ މަހާސިންތާ" ގެ ނަމުގައި 2 ދުވަހުގެ މަހާސިންތާއެއް ބާއްވައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން އިންތިޒާމް ކުރާ "ގެވެށި އަނިޔާއާ ގުޅޭ ދިރާސާތަކުގެ ޤައުމީ މަހާސިންތާ"، ޖަނަވަރީ މަހުގެ 28ން 29އަށް ހޮޓެލް ޖެންގައި ކުރިއަށް ދާނެއެވެ. މި މަހާސިންތާގެ ޝިޢާރަކީ "ރައްކާތެރިކަން - ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހަމަހަމަ ގޮތެއްގައި ޙިމާޔަތާއި، ރައްކާތެރިކަމާއި، ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ލިބިގަތުމަށް މަގުފަހިކޮށްދިނުން"، މިއެވެ. މި ދެ ދުވަހުގެ މަހާސިންތާ ބޭއްވުމުގެ މަޤްސަދަކީ ގެވެށި އަނިޔާއާ ގުޅޭގޮތުން ތަފާތު ދިރާސާތައް ތައްޔާރުކުރުމަށް މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ވަކި ވަކި ފަރުދުންނަށް ހިތްވަރުދީ، ތައްޔާރުކުރެވޭ ދިރާސާތަކުގެ ހޯދުންތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ޕްލެޓްފޯމެއް ޤާއިމުކޮށްދިނުމެވެ. އަދި މީގެ އިތުރުން، މި ދިރާސާ ކަރުދާސްތަކުގެ އަލީގައި، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި އިޖުތިމާޢީ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމެވެ.

މި މަހާސިންތާގައި ޖުމްލަ 10 ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 2 ޕެނަލް ޑިސްކަޝަން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން، މި މަހާސިންތާގެ ފުރަތަމަ ދުވަހު، "އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާ"ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދެވޭނެއެވެ. މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރައްވާނީ "ޢާއިލީ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން" މި މަޢުޟޫގެ މައްޗަށެވެ. މަހާސިންތާގެ ދެވަނަ ދުވަހު، "ގެވެށި އަނިޔާގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން" މިނަމުގައި ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރައްވާނީ "ގެވެށި އަނިޔާ ހުއްޓުވުމަށް ޤާނޫނުން އަދި ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުން ފޯރުކޮށްދޭ ރައްކާތެރިކަން" މި މަޢުޟޫގެ މައްޗަށެވެ. މި ދެ ޕެނަލްގައި ވެސް ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ އެދާއިރާއަކާ ގުޅުންހުރި މުއައްސަސާތަކުގެ ތަޖުރިބާކާރުންނެވެ.

މި އޮތޯރިޓީގެ އުއްމީދަކީ، ގެވެށި އަނިޔާ ހުއްޓުވުމަށް މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކަށް، މި މަހާސިންތާގެ ސަބަބުން، އިތުރު ކުރިއެރުންތަކެއް ލިބިގެން ދިއުމެވެ. މިގޮތުން، މި މަހާސިންތާގައި ހުށަހެޅޭ ކަރުދާސްތަކުގެ އަލީގައި، ގެވެށި އަނިޔާގެ މައްސަލަތަކާގުޅޭގޮތުން މުޖުތަމަޢުގައި އިތުރަށް ދިރާސާ ކުރަންޖެހޭ ދާއިރާތައް ދެނެގަތުމެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މުއައްސަސާތައް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްލެޓްފޯމެއް ޤާއިމްކުރެވިގެން ދިއުމެވެ.

 

ނޯޓު: މި ޚަބަރާ ގުޅޭ ފޮޓޯ ތިރީގައި އެވާ މި އޮތޯރިޓީގެ ފޭސްބުކް ޕޭޖުން 28 – 29 ޖަނަވަރީގައި ލިބެން ހުންނާނެއެވެ.

ފޭސްބުކް: https://www.facebook.com/fpa.maldives