އަހަރީ ރިޕޯޓް 2017

މިއީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ 2017 ވަނަ އަހަރު ހިނގައިދިޔަ ގޮތުގެ މައްޗަށް އެކުލަވައިލާފައިވާ ރިޕޯޓެވެ. 23 އޭޕްރީލް 2012 (2 ޖުމާދަލްއާޚިރާ 1433 ހ.) ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ޤާނޫނު ނަންބަރު 2012/3 )ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު(ގެ 52 ވަނަ މާއްދާގެ (ހ) އިން އުފައްދާފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި، އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި، ގެވެށި އަނިޔާގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށާއި، ފުލުހުންނާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތައްފަދަ ކަމާގުޅުންހުރި މުޢައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށާއި، ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައި، އެންމެ ކުރީ ސަފުގައި، ޤައުމީ ފެންވަރުގައި މަސައްކަތްކުރުމަށްޓަކައި އުފައްދާފައިވާ މުއައްސަސާއެކެވެ. މި އޮތޯރިޓީ ހިނގަމުންދަނީ މި ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ 7 (ހަތެއް) މެމްބަރުންގެ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މީގެ އިތުރުން، މި ޤާނޫނުގެ 52 ދެވަނަ މާއްދާގެ (ނ) ގައި އޮތޯރިޓީ ޖަވާބުދާރީވާނީ މިނިސްޓަރަށް ކަމަށާއި، މިނިސްޓަރުގެ ބާރު އޮތޯރިޓީގެ މައްޗަށް ހިނގާނޭ ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން، މިނިސްޓަރު އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން، މި އޮތޯރިޓީގެ ކަންކަން ހިންގައި ބަލަހައްޓަނީ، މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.