ހަބަރު

އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުނު ތަމްރީން ޕްރޮގްރާމް

26 އޮކްޓޯބަރު 2015

ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭގޮތުން ގުޅުން ހުރި  މުޢައްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަޤްސަދުގައި ގެވެށި އަނިޔާ އަދި ގެވެށި އަނިޔާ  ހުއްޓުވުމުގެ ޤާނޫނާއި ގުޅޭ ގޮތުން ޚާއްސަ ތަމްރީން ޕްރޮގްރާމެއް 25 އޮކްޓޯބަރ 2015 ވަނަ ދުވަހު ވަނީ އައްޑޫ ސިޓީ ހިތަދޫ ގައި ފަށާފައެވެ. މިއީ އަތޮޅުތެރެއަށް އަމާޒުކޮށްގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހިންގާ މިފަދަ ތިންވަނަ ތަމްރީން ޕްރޮގްރާމެވެ.

މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން ގުޅުންހުރި މުޢައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ތަމްރީންކުރުމަށް ބާއްވާ ޚާއްސަ ތަމްރީން ޕްރޮގްރާމެކެވެ. 05 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި އައްޑޫ ސިޓީގައި މަސައްކަތްކުރައްވާ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން، ފުލުހުން، ޕްރޮސެކިއުޓަރުން، ކައުންސިލްގައި މަސައްކަތްކުރައްވާ ފަރާތްތައް އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ތަމްރީނުކުރެވޭނެއެވެ. މި ތަމްރީނުގައި ގެވެށި އަނިޔާ ހިނގަން ދިމާވާ ސަބަބުތަކާއި، ގެވެށި އަނިޔާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އަދި އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމް އައްޑޫ ސިޓީގައި ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީގައެވެ.