މަސްއޫލިއްޔަތު

ޤާނޫނު ނަންބަރު 3/2012 "ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.
 • (ހ) ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޛުކުރުން.
 • (ށ) ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލްކުރަންޖެހޭ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައެޅުން.
 • (ނ) ކަމާގުޅުންހުރި އެންމެހާ މުއްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެ ސިޔާސަތާއި ޕްރޮގްރާމްތައް ހިންގާނެ ގޮތް ކަނޑައެޅުން.
 • (ރ) ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި، އޮތޯރިޓީގެ މަރުކަޒުތަކުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި އުސޫލުތަކަށް ތަބާވުން ލާޒިމްކުރުން.
 • (ބ) މި ޤާނޫނު ހިންގުމަށާއި ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްކަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ފަރާތްތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވާ ހިންގުން.
 • (ޅ) އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި ގެވެށި އަނިޔާ ލިބުނު ފަރާތަށް ވަގުތީ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރާނެ މަރުކަޒުތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދިއުން.
 • (ކ) ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި ތަޢާރުފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
 • (އ) ގެވެށި އަނިޔާގެ ޢަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި ސަބަބާއި ޒާތާއި ވަށްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެތެރެއިން ޝާއިޢު ކުރަންޖެހޭ ކަންތައްތައް ޝާއިޢުކުރުން.
 • (ވ) ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާމެދު ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްރިމާޢީ ޚިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައަޅައި ތަންފީޛުކުރުން.
 • (މ) ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި، އެފެދަ މަރުކަޒުތައް ހިންގާ އެހެން ފަރާތްތަކަށް އެހީތެރިވުމާއި، އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅާއި މޮނިޓަރ ކުރުން.
 • (ފ) ގެވެށި އަނިޔާގެ ޢަމަލު ހިންގާމީހުން އިޞްލާޙްވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވުމުގެ ގޮތުން އެންގަރ މެނޭޖްމަންޓް ތެރަޕީއާއި ކައުންސިލިންގެ ޚިދުމަތްދިނުން.
 • (ދ) ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މުއައްސަސާތަކާއި، އެފަދަ ޚިދުމަތްދޭ ހުރިހާ މުއައްސަސާތަކުގެ ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާޢީ ޙިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައެޅުން.
 • (ތ) އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކާއި ކޯޑްއޮފް ކޮންޑަކްޓް ކަނޑައެޅުމާއި، އެ ކޯޑާއި ޚިލާފުވާ މީހުންގެ މައްސަލަ ބެލުމާއި، އެ މީހުންނާމެދު އަޅާނެ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން.
 • (ލ) ޤާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގެވެށި އަނިޔާގެ ކަންކަމުގައި ލަފާއާއި މަޢުލޫމާތު ދިނުން.
 • (ގ) ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމަށް މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި އަދި އެފަދަ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ބެލުން.