ހަބަރު

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން އޮތޯރިޓީން ކުރިއަށް ގެންދިޔަ ހަރަކާތްތައް

13 ޑިސެމްބަރު 2023

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެންޕެއިނަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރ 25ން ޑިސެމްބަރ 10އާ ހަމައަށް، 16 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަގްސަދަކީ އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބާރު އެޅުމެވެ. މި ކެމްޕެއިންގެ މިއަހަރުގެ ޝިއާރަކީ  "ގުޅިގެން! އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާއަށް ހުއްޓުވުމަށް އިންވެސްޓް ކުރަމާ!" އެވެ.
މި ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ދެހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ޒުވާނުންނަށް އަމާޒުކޮށްގެން ދުޅަހެޔޮ ގުޅުންތައް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވުނު އެއްދުވަހުގެ މަސައްކަތު ބައްދަލުވުމަކާއި ޕަބްލިކް ސަރވިސް މީޑިއާއާ ގުޅިގެން 16 ގަޑިއިރުގެ ބްރޯޑްކާސްޓް އިވެންޓެއް ކުރިއަށް ގެންދިޔުމެވެ.

މަސައްކަތު ބައްދަލުވުން

މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ ދުޅަހެޔޮ ގުޅުމެއް ބިނާކުރުމަށް ބައިވެރިންނަށް ބާރުއެޅުމުގެ ގޮތުން، މިފަދަ ގުޅުންތަކުން ފެންނާނެ ނިޝާންތަށް ދެނެގަނެ، ގުޅުންތައް ދަމަހައްޓާނެ ގޮތްތަކަށް އަހުލުވެރިކުރުމަށެވެ. މިގޮތުން، މި މަސައްކަތުގެ ތެރެއިން ނަގާދެވުނު ސެޝަންތަކުގެ ތެރޭގައި މިންތީގެ މަފްހޫމްތައް، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު، ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތާއި ހިރާސްތައް އަދި ދުޅަހެޔޮ ގުޅުންތައް ހިމެނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ޖުމުލަ 13 ފަރާތަކުން (3 ފިރހެން، 10 އަންހެން) ބައިވެރިވެފައިވެއެވެ.
މަސައްކަތު ބައްދަލުވުމުގެ ތެރެއިން

16 ގަޑިއިރުގެ ބްރޯޑްކާސްޓް އިވެންޓް

މިއީ މި ކެމްޕެއިން ފާހަގަ ކުރުމަށް އޮތޯރިޓީން ހިންގި މައިގަނޑު ހަރަކާތެވެ. މިއިވެންޓްގެ މަގްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމެވެ. ޔެސް ޓީވީގައި 16 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ބްރޯޑްކާސްޓް އިވެންޓްގައި، އެކި ސެގްމެންޓްތަކުގެ ތެރެއިން، މިފަދަ މައްސަލަތަކުގައި މުއައްސަސާތަކުން މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާއި، ދިމާވާ ގޮންޖެހުންތަކާއި، އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ލިބިދޭ ހައްގުތަކާއި އެހީތެރިކަމާއި، ތަފާތު އެކި ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކާއި ހަވާސާއިން ބޭރުގައިވާ ފަރާތްތަކަށް ކުރިމަތިވާ އެކި ދަތިތައް ހިއްސާކުރެވިފައިވާނެއެވެ. މި މައުލޫމާތުތައް ފޯރުކޮށްދެވިފައިވަނީ ގުޅިގެން މަސައްކަތްކުރާ މުއައްސަސާތަކުގެ ފަންނީ ބައިވެރިވުމާ އެކު، ޕެނަލް ޑިސްކަޝަންތަކާއި އިންޓަވިއުތައް މެދުވެރިކޮށެވެ. މީގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކޮށްފައިވާ އެކި ވީޑިއޯ ސްޕޮޓްތަކާއި ފިލްމްތައް މި 16 ގަޑިއިރުގެ ތެރޭގައި ވަނީ ދައްކާފައެވެ. މި އިވެންޓްގެ ލައިވް ފީޑް ވަނީ އެސް.އެސް.ޓީވީ އިންނާއި އައިސް ޓީވީއިން (ބައެއް ސެގްމެންޓްތައް) ދައްކާފައެވެ.