ހަބަރު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން ގުޅިގެން، ފިރިހެނުންނަށް އަމާޒުކޮށްގެން 1 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

22 ޖުލައި 2018

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން ގުޅިގެން، ފިރިހެނުންނަށް އަމާޒުކޮށްގެން އިންތިޒާމް ކުރާ މަސައްކަތު ބައްދަލުވުމެއް 17 ޖުލައި 2018ގައި، އިންސްޓިޓިއުޓް ފޯ ކައުންސިލިންގް އެންޑް ސައިކޯތެރަޕީ (އައި.ސީ.ޕީ)ގެ ހޯލްގައި ކުރިއަށް ދާނެއެވެ. މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގައި ފިރިހެނުންގެ ދައުރު އިސްކުރުމަށް ބާރުއެޅުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ހޭލުންތެރިކުރުވުމާއި، އާއިލާ ބިނާކުރުމުގައި ފިރިހެނުންގެ ދައުރަކީ ކޮބައިކަން އަންގައިދިނުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެލައްވާނީ ސަރުކާރުގެ ބައެއް މުޢައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ފިރިހެން މުވައްޒަފުންނެވެ. މީގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީގެ މުވައްޒަފުން ހިމެނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ހިމެނޭ ޝެޝަންތަކުގެ ތެރޭގައި ގެވެށި އަނިޔާ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ، ފިރިހެނުންގެ ޞިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަން، ދިރިއުޅުމުގެ މުހިއްމު ކަންތައްތައް ނިންމުމުގައި ބޭނުންކުރެވިދާނެ ތަފާތު އުކުޅުތައް އަދި އިސްލާމީ ނަޒަރަކުން ޢާއިލާއެއް ބިނާ ކުރުމުގައި ފިރިހެނުންގެ ދައުރާ ގުޅޭ ސެޝަންއެއް ހިމެނެއެވެ. މި ސެޝަންތަކުގެ އަލީގައި ބައިވެރިންނަށް ލިބިގެންދާނެ މަޢުލޫމާތުތަކަކީ އިޖްތިމާޢީ ގޮތުން މުޖުތަމަޢަށް ފައިދާ ކުރުވަނިވި މަޢުލޫމާތު ތަކެކެވެ. އަދި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތައް ހިމެނިގެން ދާނެތީ، އެފަރާތްތައް މެދުވެރިކޮށް މިމަޢޫލޫމާތު ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަކީ އޮތޯރިޓީގެ އުއްމީދެވެ.

 

ނޯޓް: މި ޚަބަރާގުޅޭ ފޮޓޯ ތިރީގައިއެވާ މި އޮތޯރިޓީގެ ފޭސްބުކް ޕޭޖުންނާއި ޓްވިޓަރ އެކައުންޓުން، 17 ޖުލައި 2018ގައި ލިބެން ހުންނާނެއެވެ.

 

ފޭސްބުކް:  

https://www.facebook.com/fpa.maldives

ޓްވިޓަރ:

https://twitter.com/fpa_maldives