ހަބަރު

ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގެ މަސައްކަތްތައް ފަށައިފި.

06 އޮކްޓޯބަރު 2019

ގަވާއިދު ނަންބަރު:  2018/R-101(ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު)ގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން ގެވެށި އަނިޔާގެ މައްސަލަތަކުގައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެކުލަވައިލާފައިވާ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގ ކޮމިޓީގެ މަސައްކަތްތައް ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާފައެވެ. މި ގޮތުން، މި ހާތަނަށް މި ކޮމެޓީގެ ދެ ބައްދަލުވުން ވަނީ ބާއްވާފައެވެ.

މި ކޮމެޓީގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް ހެލްތް، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ހޯޕް ފޮރ ވިމެން އަދި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން ތަމްސީލު ކުރައްވާ ބޭފުޅުން ހިމެނޭގޮތަށް 9 މެމްބަރުން ތިއްބަވައެވެ.

މި ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތިރީގައެވާ ކަންކަން ހިމެއެވެ.  

  • ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގައި ބަޔާންވެގެންވާ ފަދައިން ޚިދުމަތް ފޯރުކޮށްދިނުމާއި، ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމުގެ ލަފާ، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަށް ދިނުން،
  • ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަދި ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލާނެ ނުވަތަ އެފަދަ ހުރަސްތަކާއެކު މަސައްކަތްކުރާނެ ގޮތުގެ އިރުޝާދު ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީއަށް ދިނުން،
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅާ ކަންކަން މުރާޖަޢާކޮށް، އެކަންކަމާމެދު ލަފާދިނުން،
  • ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީގެ ފަރާތުން ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅާ ކަންކަން މުރާޖަޢާކޮށް، އެކަންކަމާމެދު ލަފާ ދިނުން،
  • ސްޓިއަރިންގ ކޮމިޓީގައި އެފަރާތެއް ތަމްސީލު ކުރާ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް، ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި އެ ދާއިރާއެއްގެ ތެރެއިން ކުރަންޖެހޭ ކަންކަން ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު ސީދާ މެމްބަރުގެ އިސްނެގުމުގެ މަތިން ނުވަތަ ގެވެށި އަނިޔާގެ ކަންކަމާގުޅޭ ޓެކްނިކަލް ކޮމިޓީ މެދުވެރިކޮށް ފޯރުކޮށްދިނުން.