ހަބަރު

ޕާރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް ހިނގުމަށްޓަކައި މޯލްޑިވަސް ކަރެކްޝަން ސަރވިސް އާއެކު ފަހުމުނާމައެއްގައި ސޮއި ކުރުން

10 އޯގަސްޓު 2023

ގާނޫނު ނަމްބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު)ގައި މި އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން، 53 ވަނަ މާއްދާގެ ދަށުން ގެވެށި އަނިޔާގެ އަމަލު ހިންގާ ފަރާތްތައް އިސްލާހުވުމަށް އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަކޮށް މުޖުތަމައިން ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމަށް މި އޮތޯރިޓީއަށްވަނީ ލާޒިމްކޮށްފައެވެ. މި ޒިންމާ އަދާކުރުމުގެ ގޮތުން އޮތޯރިޓީގެ ފަރާތުން ވަނީ ޕާރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ނަމުން ޕްރޮގްރާމެއް ފަރުމާކުރެވި މި ޕްރޮގްރާމް މާފުށި ޖަލުގައި ޕައިލެޓްކޮށް ހިންގުމަށްޓަކައ މޯލްޑިވްސް ކަރެކްޝަން ސަރވިސަސްއާއެކު ފަހުމުނާމާއެއްގައި 9 އޮގަސްޓް 2023 ވަނަ ދުވަހު ސޮއިކޮށްފައެވެ.  
އެއް އަހަރު ދުވަހުގެ މުއްދަތައް ހިނގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި މިފަދަ ޕްރޮގްރާމެއް ހިންގާ ފުރަތަމަ ފަހަރެވެ. މިޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންތަކުގެ ތެރޭގައި ގެވެށި އަނިޔާގެ ބާވަތްތައް، ސައިކަލް އޮފް ވަޔަލެންސް (އަނިޔާ ދައުރުވާ ގޮތް) އަދި ޓްރިގަރސް (އަނިޔާ ކުރެވޭފަދަ ހާލަތަކަށް ތިމާ ހުށަހެޅޭ ކަންކަން)، މޮޑެލް އޮފް ޗޭންޖް (ނުރަނގަޅު އާދައަކާ ދުރުވެ، އައު އާދައެއް އަށަގަނުވުމަށް ބޭނުންކުރާ އުސޫލެއް)، ހަމަނުޖެހުން ޙައްލުކުރުން، ކުށަށް ރުޖޫޢަވެދާނެ ހާލަތަށް ތައްޔާރުވުން ފަދަ މުހިންމު ސެޝަންތަކެއް ހިމެނެއެވެ.
މި ޕްރޮގްރާމްއިން ނެރެން ބޭނުންވާ ނަތީޖާއަކީ ރުޅި ކޮންޓްރޯލް ކުރުމާއި، ކަންކަން ހައްލުކުރުން ފަދަ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ ސަބަބުން ގެވެށި އަނިޔާގެ މައަސަލަތައް މުޖްތަމައުގައި މަދުވުމެވެ. އަދި އުންމީދަކީ މި ޕްރޮގްރާމްގެ ނަތީޖާ އަށް ބިނާކޮށް، އިޖްތިމާއީ ދާއިރާ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމް ތެރެއިންވެސް މި ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ.