ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ
އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބޭއްވުނު ތިން ވަނަ ސްޓޭކްހޯލްޑަރސް
ކޮންފަރެންސް 28 މޭ 2025 ވަނަ ދުވަހު ވަނީ ބޭއްވިފައެވެ. ފެމިލީ ޕްރޮޓެކްޝަން
އޮތޯރިޓީއާ މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އަދި އިންދިރާ
ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމުވެފައިވާ ނެޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތް
(އެން.ސީ.އެމް.އެޗް) ގުޅިގެން ބޭއްވުނު މި ކޮންފަރެންސްގެ މައުޟޫއަކީ 'ގެވެށި އަނިޔާ
އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން ނަފްސާނީ މައްސަލަތައް
ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުން' އެވެ.
މި ކޮންފަރެންސްގައި އިސްވެ ދެންނެވިފައިވާ މައުޟޫއާ ގުޅިގެން، އެކުގައި
މަސައްކަތްކުރާ އިދާރާތައް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުރުމަށް
ރާވާފައިވާ މަސައްކަތްތާކާ އަދި ދިމާވާ ގޮންޖެހުންތައް ވަނީ ހިއްސާކުރެވިފައެވެ.
އަދި މި ކޮންފަރެންސްގެ އެންމެ މުހިންމު އެއް މަގްސަދަކީ މިކަމުގައި ދިމާވާ
ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމަކާ
ހަމައަށް ދިއުމަށް މަސައްކަތް ކުރުމެވެ. މި މައުޟޫއާ ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތަކުގައި
މަސައްކަތްކުރައްވާ އިދާރާތައް ކަމަށްވާ މޯލްޑްވިސް ޕޮލިސް ސަރވިސް، މިނިސްޓްރީ
އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް،
ނެޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ވަނީ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާދީފައެވެ. މި ކޮންފަރެންސްގައި
ހިއްސާކުރެވުނު މަޢުލޫމާތުގެ އަލީގައި، މުއައްސަސާތަކުގެ މެދުގައި އޮންނަ
ވިލަރެސްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، މިހާރު ޚިދުމަތް
ފޯރުކޮށްދިނުމަށް ޤާއިމުވެފައިވާ ނިޒާމުގެ ތެރެއިން ހޯދެންހުރި ޙައްލުތައް
ދެނެގަތުމަށް މަގުފަހިވެގެން ދިޔައެވެ. މީގެ އިތުރުން، ކުރިއަށް އޮތް މުއްދަތުގައާއި
ދުރު މުސްތަޤުބަލުގައި އިސްކަންދޭންޖެހޭ ދާއިރާތަކާއި، އަމާޒު
ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަނީ ފާހަގަކުރެވިފައެވެ.
މި
ކޮންފަރެންސްގައި ބައިވެރިވި މުއައްސަސާތައްކަމަށްވާ މޯލްޑްވިސް
ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ނެޝަނަލް މެންޓަލް
ހެލްތު ޑިޕާޓްމަންޓް، ނެޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތް، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް، އަދި ނޭޝަނަލް ޑްރަގް އޭޖެންސީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ
އަދި ހިއުމަން ރައިޓްސް ކޮމިޝަން މޯލްޑިވްސް އަށް ޝުކުރުއަދާކުރަމެވެ. މި ކޮންފަރަންސްގައި ޖުމްލަ 30 ފަރާތެއް ވަނީ ބައިވެރިވެފައެވެ.