އެކި މުޢައްސަސާތަކުން ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ
މައްސަލަތަކުގައި ޢަމަލުކުރާ ޢުޞޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ފަދަ
މުހިންމު ޤަވާއިދުތައް ފަސޭހައިން އެއްތަނަކުން ހޯދޭނެގޮތް މަގުފަހި ކޮށްދިނުމަށްޓަކައި،
'ރާހު' ގެ ނަމުގައި 2026 ނޮވެންބަރު 25 ވަނަ ދުވަހު އޭ.އައި އެސިސްޓަންޓް ޕްލެޓްފޯމެއް މިނިސްޓަރ އޮފް ހެލްތް، ފެމިލީ އެންޑް
ވެލްފެއަރ އަލްފާޟިލާ ގީލާ އަލީ ވަނީ އިފްތިތާޙުކުރައްވާފައެވެ.
މި ޕްލެޓްފޯމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ޔޫ.އެން.އެފް.ޕީ.އޭ، އަދި
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިގެން، ސިއްހީ އަދި
އިޖްތިމާއީ ޚިދުމަތްތެރިންނަށް ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ
އަނިޔާއާ ގުޅިގެން ޢަމަލުކުރަންވީ މިންގަނޑުތައް، އެންމެ ބޭނުންޖެހޭ ވަގުތު،
ފަސޭހައިން ބަލައިލެވޭނެ އިންތިޒާމެއް ހަމަޖައްސާ، އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ
ޚިދުމަތް އަވަސްވެ، ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާވުމަށް މަގުފަހިކޮށްދިނުމަށް
އެކުލަވާލާފައިވާ ވަސީލަތެކެވެ. މިޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކުރިއަށްއޮތް ތަނުގައި ގެވެށި އަނިޔާއާއި ވަކި
ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކާއި ގުޅިގެން އެކުލަވާލެވޭ އައު
އުސޫލުތައް ހިމަނައި، ޕްރޮގްރާމިންގ އަށް ބަދަލުގެނެވޭނެހެންނެވެ.
ކޮންސަލްޓަންސީއެއްގެ ދަށުން މި ޕްލެޓްފޯމް ފަރުމާކޮށްދެއްވާފައިވަނީ އިންފޯމޭޝަން
ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރު ފަރާތެއްކަމުގައިވާ "ލޫޕްކްރާފްޓް" އިންނެވެ.
މިޕްލެޓްފޯމް ފަރުމާކުރުމުގެ އިތުރުން، ލޫޕްކްރާފްޓްގެ ފަރާތުންވަނީ މި ޕްލެޓްފޯމް
އިފްތިތާޙުކުރުމުގެ ކުރިން، މިނިސްޓްރީ އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އައި.ޓީ
ޓީމުތަކަށް، މިޕްލެޓްފޯމްގެ ބެކް-އެންޑް ބޭނުންކުރުމުގެ މަސައްކަތްކުރުމުގެ ތަމްރީން
ފޯރުކޮށްދެއްވާފައެވެ. އަދި ޚިދުމަތްތެރިންނަށް ޚާއްސަކޮށްގެން ޕްލެޓްފޯމް ބޭނުންކުރާނެގޮތުގެ
ތަމްރީން ސެޝަނެއްވެސް ލޫޕްކްރާފްޓުގެ ފަރާތުން ފޯރުކޮށްދެއްވާފައިވެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން
ނުވަތަ "16 ޑޭސް އޮފް އެކްޓިވިޒަމް އަގެއިންސްޓް ޖެންޑަރ ބޭސްޑް
ވަޔަލެންސް" ގެ ބައިނަލްއަޤްވާމީ ކެމްޕޭން ފެށޭ ދުވަހު ތަޢާރަފްކުރެވިފައިވާ
މި ޕްލެޓްފޯމުގެ ސަބަބުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބެންޖެހޭ
އަވަސް ޙައްލާއި އެހީތެރިކަން އިތުރަށް ހަރުދަނާވެ، އަނިޔާއިން ރައްކާތެރިވެފައިވާ
އަމާން މުޖުތަމަޢެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް އިތުރު
ކުރިއެރުމެއް ލިބިގެން ދާނެއެވެ. މިމަސައްކަތް ފުރިހަމަކުރުމުގައި
ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް އޮތޯރިޓީގެ ފަރާތުން
އިޚުލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.