ހަބަރު

"އުދުހިލަން" ކެމްޕެއިންގެ ދަށުން، "ޑޯނަޓްސް އެންޑް ފައިނޭންސް" ގެ ނަމުގައި ސެޝަނެއް ބާއްވައިފި އައު

19 މޭ 2026

ގެވެށި އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް އުފާވެރި މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "އުދުހިލަން: އުފާވެރި، ރައްކާތެރި މުޖުތަމަޢަކަށް" ކެމްޕޭނުގެ ދަށުން، ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މޯލްޑިވްސް ޕެންޝަން އޮފީހާއި ގުޅިގެން، އެ އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ޑޯނަޓްސް އެންޑް ފައިނޭންސް" ގެ ސެޝަނެއް 2026 މެއި 11 ވަނަ ދުވަހުވަނީ ކުރިއަށް ގެންދެވިފައެވެ. މި ސެޝަންގައި 16 އަހަރާއި 18 އަހަރާ ދެމެދުގެ ޖުމްލަ 34 ކުދިން ބައިވެރިވެފައިވެއެވެ.
މި ސެޝަންގައި، އޮތޯރިޓީން ވަނީ، "އުދުހިލަން: އެމްޕަވަރޑް ޗޮއިސަސް"ގެ ނަމުގައި، ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ދެނެގަނެ، އެކަން ހާސިލުކުރުމަށް މަގުފަހިކޮށްދޭ ކަންކަމާއި ހުރަސްތަކާއި ގުޅޭގޮތުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ޕެންޝަން އޮފީހުން ވަނީ މާލީ މިނިވަންކަމާއި، މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އިންވެސްޓްކުރުން ފަދަ މައުޟޫތައް ހިމެނޭހެން ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ.
މިއީ، ގެވެށި އަނިޔާ ހުއްޓުވުމުގަޔާއި އަނިޔާއިން ސަލާމަތްވުމުގައި މާލީ ފުދުންތެރިކަމާއި މިނިވަންކަމަކީ މުހިއްމު ކަމެއްކަން ބައިވެރިންނަށް އަންގައިދީ، އެ ހުނަރު ކުދިންގެ ކިބައިގައި ތަރައްގީކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މި ހަރަކާތުގެ މަގްސަދަކީ ކުދިންގެ ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކޮށް، މުސްތަޤުބަލުގައި ހުރި ފުރުޞަތުތައް ދެނެގަތުމުގެ ޤާބިލުކަން އިތުރުކޮށް، ބާރުވެރި ޖީލެއް ބިނާކުރުމެވެ.