ރ.ހުޅުދުއްފާރު ކައުންސިލް އިދާރާއާއި ފެމިލީ ޕްރޮޓެކްޝަން
އޮތޯރިޓީއިން ގެވެށި އަނިޔާއާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން އެރަށުގެ
މުއައްސަސާތަކަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއްވަނީ
ބާއްވާފައެވެ. މެއި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ
ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ.
އެގޮތުން ފުރަތަމަ ދަންފަޅީގައި ކުރިއަށް ގެންދެވިފައިވަނީ،
ރ. ހުޅުދުއްފާރުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ
މުއައްސަސާތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީން
ޕްރޮގްރާމެކެވެ. މި މުއައްސަސާތަކުގެ ތެރޭގައި ރަށު ކައުންސިލް، ސްކޫލް،
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، މެޖިސްޓްރޭޓް ކޯޓު އަދި ހެލްތު
ސެންޓަރގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނެއެވެ. މި ދަންފަޅީގައި ޖުމްލަ 15 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު، އޮތޯރިޓީއިން
ނަގައިދީފައިވަނީ ޖުމްލަ 4 ސެޝަނެކެވެ. މީގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި،
ގެވެށި އަނިޔާ ހުއްޓުވުމުގައި މުއައްސަސާތަކުގެ ދައުރާއި، ގެވެށި އަނިޔާގެ
މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި އަދި ގެވެށި އަނިޔާ ލިބޭ
ފަރާތާއި މުއާމަލާތްކުރާނެ ގޮތްތައް ހިމެނެއެވެ.
ދެވަނަ ދަންފަޅި ކުރިއަށްގެންދެވިފައިވަނީ ރ.
ހުޅުދުއްފާރުގެ ބެލެނިވެރިންނަށް އަމާޒްކުރެވިގެންނެވެ. މި ދަންފަޅީގައި ޖުމްލަ 15 ބޭފުޅުން
ބައިވެރިވެވަޑައިގެންފައިވެއެވެ. މި ދަންފަޅީގައި ގެވެށި އަނިޔާ ހުއްޓުވުމުގެ
ޤާނޫނާއި، ގެވެށި އަނިޔާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ
ފަރާތްތަކަށް އެކަމުން އަރައިގަތުމަށް އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ސެޝަންތައް
އޮތޯރިޓީން ނަގައިދީފައިވެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި ފެމިލީ ޕްރޮޓެކްޝަން
އޮތޯރިޓީން ޓްރެއިނަރުންގެ ގޮތުގައި ތަމްރީންކުރަމުން އަންނަ 2 ބޭފުޅުންވެސް ވަނީ
ސެޝަންތަކެއް ނަގައިދެއްވާފައެވެ. ޖުމްލަ 55 ބޭފުޅުން ބައިވެރިވެވަޑައިގެން މި
ޕްރޮގްރާމަކީ، ރ.ހުޅުދުއްފާރު ކައުންސިލް އިދާރާއާއި އޮތޯރިޓީ ގުޅިގެން ގެވެށި
އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް،
ގެވެށި އަނިޔާއަށް ހޭލުންތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްސަދުގައި
ހިންގުނު ޕްރޮގްރާމެކެވެ.