ހަބަރު

"ގެވެށި އަނިޔާގެ މައްސަލަތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދޭ އިޖާބަ ހަރުދަނާ ކުރުން" ގެ ނަމުގައި އެކުލަވާލައިފައިވާ ސިޔާސަތު ކަރުދާހުގެ ވެލިޑޭޝަން ވޯރކްޝޮޕް ކާމިޔާބު ކަމާއެކު ނިންމައިލައިފި އައު

06 އޯގަސްޓު 2026

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުރިއަށް ގެންދިޔަ "ގެވެށި އަނިޔާގެ މައްސަލަތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދޭ އިޖާބަ ހަރުދަނާ ކުރުން" ގެ ނަމުގައި އެކުލަވާލައިފައިވާ ސިޔާސަތު ކަރުދާހުގެ ވެލިޑޭޝަން ވޯރކްޝޮޕް ކާމިޔާބު ކަމާއެކު ނިންމައިލައިފިއެވެ.
ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ގެވެށި އަނިޔާގެ މައްސަލަތަކުގައި ލުއިފަސޭހަ މަރުހަލާއެއްގެ ތެރެއިން އިންސާފު ހޯދޭނެގޮތްތަކާއި އަނިޔާ ކުރާ ފަރާތުން ކުރި ކުށަށް ޒިންމާ ކުރުވުމުގައި މިހާރު ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި، މިފަދަ މޮޑެލްއެއް ރާއްޖެއަށް ތަޢާރަފް ކުރެވޭނެ ގޮތްތަށް ދަނެގަތުމާއެކު، 'އިންޓަރ އޭޖެންސީ ކޯޑިނޭޝަން މެކޭނިޒަމް' ތައް ދެނެގަތުމަށްޓަކައި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި ގުޅިގެން ލޯކަލް ކޮންސަލްޓެންޓްއެއް މެދުވެރިކޮށް، "ގެވެށި އަނިޔާގެ މައްސަލަތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދޭ އިޖާބަ ހަރުދަނާ ކުރުން" ގެ ނަމުގައި ސިޔާސަތު ކަރުދާހެއް އެކުލަވަލައިފައެވެ.
މި ސިޔާސަތު ކަރުދާހުގެ ވެލިޑޭޝަން ވޯރކްޝޮޕް ގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތް، މިނިސްޓްރީ އޮފް ހެލްތް ފެމެލީ އެންޑް ވެލްފެއަރ، ބާ ކައުންސިލް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އައި.ޖީ.އެމް.އެޗްގެ އިތުރުން އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެފައިވެއެވެ.
މި ވޯރކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ 03 އޮގަސްޓް 2026 ގައި އަދި 05 އޮގަސްޓް 2026 ގައެވެ. މި ވޯރކްޝޮޕްގައި ސިޔާސަތު ކަރުދާހުގެ މައިގަނޑު ހޯދުންތަކާއި، ހުށަހެޅުންތައް ހުށަހަޅައިފައިވެއެވެ. އަދި ހުށަހެޅުންތައް ތަންފީޒުކުރުމުގައި ކުރިމަތިވެދާނެ އަމަލީ، އިޖުރާޢީ އަދި ޤާނޫނީ ހުރަސްތައް ދެނެގަތުމަށް ކަމާގުޅޭ މުއައްސަސާތަކުގެ ޚިޔާލާއި، ހުށަހެޅުންތައް ތަންފީޒުކުރުމުގައި ކަމާގުޅޭ މުއައްސަސާތަކުގެ ދައުރާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.