ހަބަރު

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބޭއްވުނު ހަތަރު ވަނަ ސްޓޭކްހޯލްޑަރސް ކޮންފަރެންސްއާއި ގުޅޭ އައު

14 ސެޕްޓެމްބަރު 2026

ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގައި މަސައްކަތްކުރާ މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، 2023 ވަނަ އަހަރުގެ ނޮވެމްބަރ އިން ފެށިގެން ސިލްސިލާ ގޮތެއްގައި އަހަރަކު އެއްފަހަރު "ސްޓޭކްހޯލްޑަރސް ކޮންފަރެންސް" މިއޮތޯރިޓީގެ ފަރާތުން މިދަނީ ބާއްވަމުންނެވެ. ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބޭއްވުނު ހަތަރު ވަނަ ސްޓޭކްހޯލްޑަރސް ކޮންފަރެންސް 2026 ސެޕްޓެންބަރު 08 ވަނަ ދުވަހު ވަނީ ބޭއްވިފައެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އަދި މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރގެ އިޖުތިމާއީ ދާއިރާ އާއި ގުޅިގެން ބޭއްވުނު މި ކޮންފަރެންސްގެ މައުޟޫއަކީ 'ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުން' މި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ  މައްސަލަތައް ރިޕޯޓުކުރުމާއި، އެފަދަ ޚިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، ޚިދުމަތް ލިބޭނެ މަގެއް ފަހިކޮއްދިނުމެވެ. މި މައުޟޫއާ ގުޅިގެން، މި ކޮންފަރެންސްގައި އެކުގައި މަސައްކަތްކުރާ އިދާރާތައް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި އަދި ދިމާވާ ގޮންޖެހުންތައް ވަނީ ހިއްސާކުރެވިފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިއެކު މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މިހާރު މަސައްކަތްކުރެވޭ ގޮތާއި، ޖިނާއީ ޢަދުލުގެ ނިޒާމު އަދި އިޖުތިމާޢީ ދާއިރާގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާކުރެވޭނެ ގޮތްތަކާއިމެދު ކަމާގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށް ޕޮލިސީ ލެވެލްގައި ނިންމަން ޖެހޭކަންކަން ނިންމުމެވެ. މިކޮންފަރެންސްގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރައްވާ އިދާރާތައް ކަމަށްވާ މޯލްޑްވިސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ، ހިއުމަން ރައިޓްސް ކޮމިޝަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާދީފައެވެ. މި ކޮންފަރެންސްގައި ހިއްސާކުރެވުނު މަޢުލޫމާތުގެ އަލީގައި، މުއައްސަސާތަކުގެ މެދުގައި އޮންނަ ވިލަރެސްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، މިހާރު ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުވެފައިވާ ނިޒާމުގެ ތެރެއިން ހޯދެންހުރި ޙައްލުތައް ދެނެގަތުމަށް މަގުފަހިވެގެން ދިޔައެވެ. މީގެ އިތުރުން، ކުރިއަށް އޮތް މުއްދަތުގައާއި ދުރު މުސްތަޤުބަލުގައި އިސްކަންދޭންޖެހޭ ދާއިރާތަކާއި، އަމާޒު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަނީ ފާހަގަކުރެވިފައެވެ.
މި ކޮންފަރެންސްގައި 15 މުއައްސަސާއަކުން ޖުމުލަ 44 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ ކަމާއި ގުޅުންހުރި މަދަނީ ޖަމުޢިއްޔާތައްވެސް ހިމެނެއެވެ.