ހަބަރު

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީކުރާ އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ އިރު އެންމެ މަދުމިންވަރެއްގައި އަމަލުކުރާނެ މިންގަނޑުތަކުގެ (މިނިމަމް ސްޓޭންޑަޑްސް) ވޯކްޝޮޕް ބޭއްވުން

13 އޯގަސްޓު 2024

ޤާނޫނު ނަމްބަރު 3/2012(ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ (ކ) ގައި "ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރަފްކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން" މިއީ މިއޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ.  
މިގޮތުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނައިޓަޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާ ގުޅިގެން މުއައްސަސާތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީކުރާ އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ އިރު އެންމެ މަދުމިންވަރެއްގައި އަމަލުކުރާނެ މިންގަނޑުތަކާ (މިނިމަމް ސްޓޭންޑަޑްސް) ގުޅޭގޮތޮން ރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓެއް މެދުވެރިކޮށް 2 ދުވަހުގެ ތަމްރީން ޕްރޮގްރާމްއެއް ކުރިއަށްގެންދެވިފައިވެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ފަރާތްތަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މި ޕްރޮގްރާމް ކުރިއަށްގޮސްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 29 އަދި 30 ވަނަ ދުވަހުގައެވެ.  
މި ތަމްރީންގައި މިއޮތޯރިޓީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ހެލްތް، ފެމިލީ ލީގަލް ކްލިނިކް އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބައިވެރިވެފައެވެ.