ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް މާލެ އަތޮޅުގެ މުއައްސަސާތަކަށް އަމާޒުކުރެވިގެން ހިންގުނު ތަމްރީން ޕްރޮގްރާމް އައު

01 މާރިޗު 2026

ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް މާލެ އަތޮޅުގެ މުއައްސަސާތަކަށް އަމާޒުކުރެވިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން، ފެބްރުއަރީ މަހުގެ 1 އިން 4 އަކަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމްގައި ކ. ގުރައިދޫ، ކ. މާފުށި، ކ.ގުޅި އަދި ކ. ހިންމަފުށީގެ ރަށު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމުޢިއްޔާ، ފުލުހުން، ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސްކޫލުތައް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާރޓްގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 38 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ތަމްރީން ޕްރޮގްރާމާއި އެކު އޮތޯރިޓީއިން ދެ ބެޗްއަކަށް ބަހާލައިގެން ކާފު އަތޮޅަށް އަމާޒުކުރެވިގެން ހިންގުނު ތަމްރީން ޕްރޮގްރާމް ފުރިހަމަވެގެން ދިޔައީއެވެ.  
3 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 11 ސެޝަންއެއް ނަގައިދެވުނެވެ. މި ސެޝަންތަކުގައި އަލިއަޅުވައިލެވުނު ބައިތަކަށް ބަލާލާއިރުގައި މިންތީގެ މަފްހޫމްތައް ދެނެގަތުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ގެވެށި އަނިޔާގެ ސަބަބުތައް އަދި ނޭދެވޭ އަސަރުތައް، އަނިޔާވެރި ގުޅުމަކުން ދުރުވުމަށް ހުރި ހުރަސްތައް، ވެލިއު ކްލެރިފިކޭޝަން، ގެވެށި އަނިޔާ ހުއްޓުވުމުގައި މުއައްސަސާތަކުގެ ދައުރު، ގެވެށި އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް، އަނިޔާ ލިބިފައިވާ ފަރާތްތަކާއިއެކު މަސައްކަތްކުރާނެ ގޮތްތަކާއި އެ ފަރާތްތަކާއި މުއާމަލާތްކުރާނެ ގޮތްތައް އަދި އެކްޝަން ޕްލޭން ހިމެނެއެވެ.  
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގެ 52 ވަނަ މާއްދާގައި "ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރަފްކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން" މިއީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމަކީވެސް ގެވެށި އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުން އިތުރަށް ހަރުދަނާކުރުމުގެ މަޤްސަދުގައި ހިންގުނު ޕްރޮގްރާމެކެވެ.