ހަބަރު

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާއަނިޔާގެ މައްސަލަތަކުގައި ޢަމަލުކުރާ "ރިފަރަލް ޕާތުވޭ" އަދި އިޖުތިމާއީ ޚިދުމަތްތެރިން ޢަމަލުކުރާނެ "ޕްރޮސީޖަރ މެނުއަލް" އެންޑޯޒްކުރުން

06 މާރިޗު 2025

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ޢަމަލުކުރާ "ރިފަރަލް ޕާތުވޭ" އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކަށް އިޖާބަ ދިނުމުގައި އިޖުތިމާއީ ހިދުމަތްތެރިން ޢަމަލުކުރަންވީ 'ޕްރޮސީޖަރ މެނުއަލް' 27 ފެބުރުއަރީ 2025 ވަނަ ދުވަހު މިނިސްޓަރ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް ވަނީ އެންޑޯޒްކުރައްވާފައެވެ.
މި ތާރީހުން ފެށިގެން ރާއްޖޭގެ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި، އިދާރާތަކާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުން ތަންފީޛުކޮށް ޢަމަލުކުރަންޖެހޭ ރަސްމީ ޕްރޮޓޮކޯލްގެ ގޮތުގައި، "ރިފަރަލް ޕާތުވޭ ފޯރ ޖެންޑަރ ބޭސްޑް ވަޔަލަންސް އެންޑް ޑޮމެސްޓިކް ވަޔަލަންސް ކޭސަސް" ހަމަޖައްސައި މި "ޕާތުވޭއަށް" އަމަލުކުރުމަށް މިނިސްޓަރ ވަނީ އަންގަވާއި އިލްތިމާސްކުރައްވާފައެވެ. އަދި އިޖުތިމާޢީ ޚިދުމަތްދިނުމުގައި ތަންފީޛުކޮށް ޢަމަލުކުރަންޖެހޭ ރަސްމީ އިޖުރާތުގެ ގޮތުގައި 'ގެވެށި އަނިޔާގެ މައްސަލަތަކާއި ވަކި ޖިންސަކަށްވީތީ ކުރެވޭ އަނިޔާގެ މައްސަލަތަކަށް އިޖާބަ ދިނުމުގައި ޢަމަލުކުރަންވީ ޕްރޮސީޖަރ މެނުއަލް' ހަމަޖައްސައި މި ޕްރޮސީޖަރ މެނުއަލަށް ޢަމަލު ކުރުމަށް މިނިސްޓަރ ވަނީ ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި، އިދާރާތަކާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުން އަންގައި އިލްތިމާސްކުރައްވާފައެވެ.
އެންޑޯޒްކުރުމަށް ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ އާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި މި ގައިޑްލައިންތަކުގެ މުހިންމުކަމަށް އަލިއަޅުވާލާއި، މި މަސައްކަތުގައި މިނިސްޓްރީއާއެކު އެންމެ ގާތުން މަސައްކަތްކުރެއްވި ދެ މުއައްސަސާކަމަށްވާ ޔުނައިޓަޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް )ޔޫ.އެން.އެފް.ޕީ.އޭ( އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ޝުކުރު ދަންނަވާފައެވެ. އަދި އެންޑޯޒްކުރެވިގެންދިޔަ 'ރިފަރަލް ޕާތުވޭ' އަދި 'ޕްރޮސީޖަރ މެނުއަލް' ފަރުމާކުރެވިފައިވަނީ 'ވިކްޓިމް ސެންޓްރިކް އެޕްރޯޗަކުން' ކަމުގައިވުމުން، އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ބޭނުންތަކާއި ރައްކާތެރިކަމާއި، ދުޅަހެޔޮކަމަށް އިސްކަމެއްދީގެން މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެކަށްވާނެކަމަށް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާމިނަތު ޝިރާނީ ނަޢީމް ފާހަގަކުރައްވާފައިވެއެވެ. އަދި ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގައި 'ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ)' ގެ ދަށުން، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެއްހަމައެއްގައި ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅޭނެކަމަށް ބަޔާންކުރެއްވިއެވެ. އަދި 'ރިފަރަލް ޕާތުވޭގެ' ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ކޯޑިނޭޝަން ހަރުދަނާ ކުރެވި އަނިޔާ
ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުއައްސަސާތަކާއި ޖަމުޢިއްޔާތައް އެކުގައި މަސައްކަތްކުރުމުގެ މަގުފަހިވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
މި ގައިޑްލައިންތައް އެކުލަވާލުމުގައި ޔޫ.އެން.އެފް.ޕީ.އޭ އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އޮތޯރިޓީގެ ފަރާތުން ޝުކުރުދަންނަވަމެވެ. އަދި، މި ގައިޑްލައިންތައް އެކުލަވާލުމުގެ އެކި މަރުހަލާތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެހެނިހެން ސަރުކާރުގެ އިދާރާތަކަށާއި މަދަނީ ޖަމުޢިއްޔާތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.