ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޓްރެއިނަރުން ތަމްރީނުކުރުން އައު

27 ސެޕްޓެމްބަރު 2026

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ފުލުހުންނަށް އަމާޒުކުރެވިގެން ސެޕްޓެންބަރު މަހުގެ 20 އިން 24 އަށް ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފުލުހުން ހިމެނޭހެން ޖުމްލަ 30 ބޭފުޅުން (12 އަންހެން، 18 ފިރިހެން) ބައިވެރިވެވަޑައިގެންފައިވެއެވެ.
5 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 10 ސެޝަންއެއް ނަގައިދެވުނެވެ. މި ސެޝަންތަކުގައި އަލިއަޅުވައިލެވުނު ބައިތަކަށް ބަލައިލާއިރު، މިންތީގެ މަފްހޫމްތައް ދެނެގަތުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ގެވެށި އަނިޔާގެ ސަބަބުތައް އަދި ނޭދެވޭ އަސަރުތައް، އަނިޔާވެރި ގުޅުމަކުން ދުރުވުމަށް ހުރި ހުރަސްތައް، ވެލިއު ކްލެރިފިކޭޝަން، ގެވެށި އަނިޔާ ހުއްޓުވުމުގައި މުއައްސަސާތަކުގެ ދައުރު، ގެވެށި އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް، އަނިޔާ ލިބިފައިވާ ފަރާތްތަކާއިއެކު މަސައްކަތްކުރާނެ ގޮތްތަކާއި އަދި އެފަރާތްތަކާއި މުއާމަލާތްކުރާނެ ގޮތްތައް ހިމެނެއެވެ.
މީގެ އިތުރުން، ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ސެޝަންތަކުގައި ނަގައިދީފައިވާ ބައިތަށް ފަހުމްވެފައިވާ މިންވަރު ވަޒަންކުރުމަށާއި، ސެޝަންތައް ނަގައިދިނުމުގައި ބައިވެރިންގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި، އިމްތިހާނަކާއި މޮކް ޕްރެޒެންޓޭޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.  މި ޕްރޮގްރާމްގެ ޒަރިއްޔާއިން، ފުލުހުންގެ ތެރޭގައި ގެވެށި އަނިޔާއާ ގުޅޭ ތަމްރީނުތައް ދެވޭނެ ގާބިލު ފަރާތްތަކެއް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގެ 52 ވަނަ މާއްދާގައި "ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތައާރަފްކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން" މިއީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމަކީވެސް ގެވެށި އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުން އިތުރަށް ހަރުދަނާކުރުމުގެ މަޤްސަދުގައި ހިންގުނު ޕްރޮގްރާމެކެވެ.