ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާބިލުކަން އިތުރުކުރުމަށް ރ. އަތޮޅުގައި މަސައްކަތްކުރާ މުއައްސަސާތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ހިންގުން

13 އޯގަސްޓު 2024

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާބިލުކަން އިތުރުކުރުމަށް ރ. އަތޮޅުގެ މުއައްސާސަތަކަށް އަމާޒުކޮށްގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއީން ތަމްރީން ޕްރޮގްރާމެއްވަނީ ބާއްވާފައެވެ. އޮގަސްޓް މަހުގެ 04 – 06 އަށް ރ. އަތޮޅުގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ 2 ރަށަކަށް ބަހާލައިގެން ރ. އުނގޫފާރު އަދި ރ. މަޑުއްވާރި ގައި، ރ. އަތޮޅުގެ ހުރިހާ ރަށަކުން ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކުގައި މަސައްކަތްކުރާ ބޭފުޅުން ބައިވެރިކޮށްގެންނެވެ. 
މިގޮތުން ރ. އުނގޫފާރުގައި ބޭއްވުނު ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 8 ރަށަކުން 45 ބޭފުޅުން ބައިވެރިވެފައިވެއެވެ. އަދި ރ. މަޑުއްވަރީގައި ބޭއްވުނު ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 7 ރަށަކުން 29 ބޭފުޅުން ބައިވެރިވެފައިވެއެވެ. މިގޮތުން، އަތޮޅު އަދި ރަށު ކައުންސިލް، ފުލުހުން، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ، ސްކޫލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކޯޓުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތައް އަދި 'އިބަމަ'ގެ މެމްބަރުން ބައިވެރިވެފައިވެއެވެ. 
މި ތަމްރީން ޕްރޮގްރާމްގައި އަލިއަޅުވާލެވުނު ބައިތަކަށް ބަލާލާއިރު، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގައި މުއައްސަސާތަކުގެ ދައުރު، މިންތީގެ މަފްހޫމްތައް ދެނެގަތުން، އަނިޔާވެރި ގުޅުމަކުން ދުރުވުމަށް ހުރި ހުރަސްތައް ދެނެގަތުން، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެހީތެރިވެދޭނެ ގޮތާއި އަނިޔާ ލިބިފައިވާ ފަރާތްތަކާ މުއާމަލާތްކުރާނެ ގޮތްތައް އަދި ވެލިއު ކްލެރިފިކޭޝަން ހިމެނެއެވެ.  
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގެ 52 ވަނަ މާއްދާގައި "ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރަފްކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން" މިއީ މިއޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ. ޖުމްލަ 74 ފަރާތެއް ތަމްރީންވެގެން ދިޔަ މި ޕްރޮގްރާމަކީވެސް، ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، ގެވެށި އަނިޔާގެ ޢަމަލުތަކަށް އިޖާބަދިނުން އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ހިންގުނު ޕްރޮގްރާމެކެވެ.