ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ބާ އަތޮޅުގެ މުއައްސަސާތަކަށް އަމާޒުކުރެވިގެން ހިންގުނު ތަމްރީން ޕްރޮގްރާމް އައު

20 އޯގަސްޓު 2026

ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ބާ އަތޮޅުގެ މުއައްސަސާތަކަށް އަމާޒުކުރެވިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން، އޯގަސްޓު މަހުގެ 10 އިން 13 އަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމްގައި ބ.އޭދަފުށި، ބ.ގޮއިދޫ، ބ.ތުޅާދޫ، ބ.ފެހެންދޫ، ބ.ހިތާދޫ، ބ.ފުޅަދޫ އަދި ބ.ހިތާދޫގެ ރަށު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، އިބަމަ، ފުލުހުން، ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސްކޫލުތައް، ޞިއްޙީ ދާއިރާގެ އިތުރުން ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު ހިމެނޭހެން ޖުމްލަ 46 ބޭފުޅުން (27 އަންހެން، 19 ފިރިހެން) ބައިވެރިވެވަޑައިގެންފައިވެއެވެ.  
4 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 11 ސެޝަންއެއް ނަގައިދެވުނެވެ. މި ސެޝަންތަކުގައި އަލިއަޅުވައިލެވުނު ބައިތަކަށް ބަލައިލާއިރު، މިންތީގެ މަފްހޫމްތައް ދެނެގަތުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ގެވެށި އަނިޔާގެ ސަބަބުތައް އަދި ނޭދެވޭ އަސަރުތައް، އަނިޔާވެރި ގުޅުމަކުން ދުރުވުމަށް ހުރި ހުރަސްތައް، ވެލިއު ކްލެރިފިކޭޝަން، ގެވެށި އަނިޔާ ހުއްޓުވުމުގައި މުއައްސަސާތަކުގެ ދައުރު، ގެވެށި އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް، އަނިޔާ ލިބިފައިވާ ފަރާތްތަކާއިއެކު މަސައްކަތްކުރާނެ ގޮތްތަކާއި އެ ފަރާތްތަކާއި މުއާމަލާތްކުރާނެ ގޮތްތައް އަދި އެކްޝަން ޕްލޭން ހިމެނެއެވެ.  
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގެ 52 ވަނަ މާއްދާގައި "ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރަފްކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން" މިއީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމަކީވެސް ގެވެށި އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުން އިތުރަށް ހަރުދަނާކުރުމުގެ މަޤްސަދުގައި ހިންގުނު ޕްރޮގްރާމެކެވެ.