ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ވެލިޑޭޝަން މަރުހަލާ ނިންމާލުން

03 މާރިޗު 2025

2012 ވަނަ އަހަރު ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ތަސްދީގުވެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން މިހާރު 12 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވެއެވެ. މިފާއިތުވެދިޔަ އަހަރުތަކުގައި، ދިވެހިރާއްޖޭގައި ހިނގަމުންދާ ގެވެށި އަނިޔާގެ މައްސަލަތައް ދިރާސާ ކުރުމުގެ ތެރެއިން ޤާނޫނުގައި ހިމެނިފައިނުވާ އައު ބާވަތް ބާވަތުގެ މައްސަލަތައް މިހާރު ރިޕޯޓުކުރެވެމުންދާކަން ފާހަގަކުރެވިފައިވެއެވެ. އެހެންނަމަވެސް، މިހާރު ގާނޫނު ފަރުމާ ކުރެވިފައި އޮތްގޮތުން، އަލަށް ފާޙަގަކުރެވިފައިވާ މައްސަލަތަކާއި ޓްރެންޑްސްތަކާއި ގުޅިގެން ހިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކަށް ގޮންޖެހުންތަކާއި ކުރިމަތިވަމުންދާކަންވެސް ފާހަގަކުރެވިފައިވެއެވެ. އަދި މިއީ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން އެންމެ އެކަށިގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ހުރި ހުރަހެކެވެ.
އަދި މީގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ ދައުރު ޤާނޫނުގައި ކަނޑައެޅިފައިވީނަމަވެސް، މުއައްސަސާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ފުށުއެރުންތަކެއް ހުރުމާއެކު މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދަތިތައް ކުރިމަތިވެއެވެ. އެހެންކަމުން، ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ ނިޒާމު ޤާނޫނުގެ ތެރެއިން ހަރުދަނާކުރުމުގެ ބޭނުމުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާއި ފެމިލީ ޕްރޮޓެކްޝަން އޮތީރިޓީއިން ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ދަނީ ކުރިޔަށްގެންދަމުންދެއެވެ.
މިގޮތުން، ފާއިތުވެދިޔަ އަހަރު ތެރޭގައި ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ކަމާގުޅުންހުރި މުއައްސަސާތަކާއި، މިފަދަ މައްސަލަތަކުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާއި މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލު ހޯދިފައިވެއެވެ. އަދި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އިސްލާހުކުރެވޭ ޤާނޫނުގެ ފުރަތަމަ ޑްރާފްޓް އެއް އެކުލަވާލާ 7 ނޮވެމްބަރ 2024 ވަނަ ދުވަހު ފުރަތަމަ ވެލިޑޭޝަން ހިންގުނެވެ. މި ވެލިޑޭޝަންގައި ގެވެށި އަނިޔާ ހުއްޓުވުމުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ އިތުރުން، މަދަނީ ޖަމިއްޔާތަކުންވެސް ބައިވެރިވެފައިވެއެވެ. އަދި، މި ވެލިޑޭޝަންގައި ޤާނޫނަށް ގެންނަން ފެންނަ ބަދަލުތައް ބައިވެރިންނާއި ހިއްސާކުރެވުނެވެ.
އެގޮތުން، ޤާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި؛
o      ގެވެށި ގުޅުންތަކާއި ގެވެށި އަނިޔާގެ އަމަލުތައް މުރާޖާކޮށް މާނަކުރުން
o      ގާނޫނު ޖިނާއީ ގާނޫނަކަށް ބަދަލުވެ، ގާނޫނުގެ ދަށުން ޖިނާއީ ކުށްތަށް ކަނޑައެޅި ކުށްތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުން
o      ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުރީ ސަފުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ ދައުރުތައް އިތުރަށް ތަފްސީލުކުރުން
o      ގާނޫނުން ލިބެންހުރި މަދަނީ ފަރުވާތައް ހޯދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ހަރުދަނާކުރުން
o      ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ މިނިވަން މުއައްސަސާ އެއްގެ ގޮތުގައި ބަދަލުވުން، ހިމެނެއެވެ.
ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ބޭއްވުނު ފުރަތަމަ ވެލިޑޭޝަން އަށްފަހު، ބައިވެރިންގެ ފަރާތުން ލިބިފައިވާ އިތުރު ހުށަހެޅުންތައް ވަޒަންކޮށް، ދެވަނަ ޑްރާފްޓެއް އެކުލަވާލުމަށްފަހު، 25 ފެބްރުއަރީ 2025 ގައި ވަނީ ފަހު ވެލިޑޭޝަން ބޭއްވިފައެވެ. މި ވެލިޑޭޝަންގައި ހުރިހާ މުއައްސަސާތަކުގެ ޚިޔާލު ބޭނުންވާ ނުކުތާތަކާއި ގުޅިގެން މުހިންމު މަޝްވަރާތައް ކުރެވިގެންދިޔައެވެ. އަދި މުހިންމު ނިންމުންތައް ނިންމިގެންވެސް ދިޔަމެއެވެ.
25 ފެބްރުއަރީ 2025 ގައި ބޭއްވުނު ފަހު ވެލިޑޭޝަން އަށްފަހު، ދެން މި މަސައްކަތުގެ ތެރެއިން ކުރިޔަށް އޮތް ފިޔަވަޅު ފުރިހަމަ ކުރުމުގެ ގޮތުން، އިސްލާހުކުރެވޭ ޤާނޫނުގެ ފައިނަލް ޑްރާފްޓް ބަންޑާރަ ނައިބުގެ ލަފާ ހޯދުމުގެ ގޮތުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.