ދިވެހިރާއްޖޭގައި "ވިކްޓިމް އެޑްވޮކޭޓްސް" ގެ ޚިދުމަތް ތަޢާރަފުކޮށް ޤާއިމުކުރުމަށްޓަކައި، މި އޮތޯރިޓީއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ފުރަތަމަ މަރުޙަލާގެ ގޮތުގައި، ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކަށް އިޖާބަ ދޭ ކޭސް ވާރކަރުންނަށް ޚާއްޞަ ތަމްރީނެއް ދިނުމާއެކު، ޚާއްޞަ "ވާރކް ފޯސް" އެއް ތަޢާރަފުކުރުމަށް ވަނީ ކަނޑައެޅިފައެވެ. އެހެންކަމުން، މި މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގައި ގެވެށި އަނިޔާއާއި ވަކި ޖިންސަކަށްވީތީކުރާ އަނިޔާގެ މައްސަލަތަކުގައި ވިކްޓިމް ސެންޓްރިކް އެޕްރޯޗަކުން އަމަލުކުރުމަށް އެކުލަވާލެވޭ ޤައުމީ އޮނިގަނޑުގެ ފުރަތަމަ ޑްރާފްޓާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ޕޮލިސީ އަދި ޓެކްނިކަލް މަޝްވަރާ ބައްދަލުވުމެއް (ތާރީޚު)ގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ މުހިންމު އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ޔޫ.އެން އެޖެންސީތަކުން ބައިވެރިވެ، ހުށަހެޅިފައިވާ އޮނިގަނޑާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްދެއްވީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ލޫނާ ރޮވޭޑާއެވެ. އެގޮތުން ޑްރާފްޓް އޮނިގަނޑުގައި ހިމެނޭ މުއައްސަސާތަކުގެ ދައުރާއި، ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމުތަކާއި، މަލްޓިސެކްޓޯރަލް އެޕްރޯޗަކުން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ބެހޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް، ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، އަދި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގެ ކަމާގުޅުންހުރި ފަރާތްތަކުން ބައިވެރިވެ އެބޭފުޅުންގެ ތަޖުރިބާއާއި ޚިޔާލު ހުށަހަޅާފައިވެއެވެ.
މި މަޝްވަރާތަކުގެ ތެރެއިން، ކަނޑައެޅިފައިވާ އޮނިގަނޑުގެ ތެރޭގައި މުއައްސަސާތަކުގެ މަސްއޫލިއްޔަތުތަކާއި، ދައުރާއި، އަދި އިދާރީ ގުޅުންތައް ބައްޓަންކުރެވިފައިވާ ގޮތް ބައިވެރިން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ ސަބަބުން މިހާރު ކުރެވޭ މަސައްކަތުގައި ހުރި ރަނގަޅު ސިފަތަކާއި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމުގެ އިތުރުން، ނިޒާމު ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް މަގުފަހިވެގެންދިޔައެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގައި ގެވެށި އަނިޔާއާއި ވަކި ޖިންސަކަށްވީތީކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ މައްސަލަތަކުގައި ޙަރަކާތްތެރިވާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަޝްވަރާތަކުން ލިބުނު ޚިޔާލުތަކާއި އިރުޝާދުތަކުގެ އަލީގައި، އޮނިގަނޑުގެ ފައިނަލް ޑްރާފްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.