ނޮވެންބަރު 5 ން 7 އަށް ކުރިއަށް ގެންދިޔަ "ހެލްތް އެންޑް ފެމެލީ އެކްސްޕޯ" ގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބައިވެރިވެ، ގެވެށި އަނިޔާ ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އެކްސްޕޯގައި އޮތޯރިޓީން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް މުޖުތަމައު ހޭލުންތެރިކުރުވުމާއި، އޮތޯރިޓީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމެވެ. މިގޮތުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރާ ހާއްސަ ކުއިޒެއް ވަނީ ކުރިއަށް ގެންދެވިފައެވެ. ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު މި ހަރަކާތުގެ ޒަރީއާއިން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރު ބަލައި، އެފަރާތްތަކަށް ބޭނުންވާ ގާނޫނީ މުހިންމު މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، މި އެކްސްޕޯގެ ތެރެއިން ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތަކެއް ވަނީ ރާވާ ހިންގާފައެވެ. އެގޮތުން، ގެވެށި އަނިޔާއާ ގުޅުން ހުރި މައުޟޫތަކަށް އާންމުންގެ ހިޔާލު ހޯދުމަށްޓަކައި އެކި ސުވާލުތައް ހިމަނައިގެން ކުރިއަށް ގެންދިޔަ ހަރަކާތުން މުހިންމު ގިނަ ހިޔާލުތަކެއް ވަނީ ބަދަލުކުރެވިފައެވެ.
އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން އޮތޯރިޓީން ތައްޔާރުކޮށްފައިވާ "ދެނެގަންނަމާ" ސީރީޒް ގެ 2 އަތްމަތީފޮތް ކަމުގައިވާ "ދެނެގަންނަމާ: ކުޑަކުދިން ޖިންސީ އަނިޔާއިން ރައްކާތެރިކުރުން" އަދި "ދެނެގަންނަމާ: ކުޑަކުދިން ނަފްސާނީ އަނިޔާއިން ރައްކާތެރިކުރުން" ވަނީ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ބަހާފައެވެ. ހަމައެއާއެކު، 2025ވަނަ އަހަރު އިފްތިތާހް ކުރެވުނު "އުދުހިލަން: އުފާވެރި، ރައްކާތެރި މުޖުތަމައުއަކަށް" ކެމްޕެއިންގެ ދަށުން، 5 އަހަރުން މަތީގެ ކުދިންނަށް ހާއްސަކޮށް ތައްޔާރުކުރި "އުދުހިލަން: އެކްޓިވިޓީ ބުކް" ވަނީ އެކްސްޕޯގެ ތެރެއިން ކުޑަކުދިންނަށާއި އާއިލާތަކަށް ހިއްސާކޮށްފައެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް ބިދޭސީން އަހުލުވެރިކުރުމަށް، 6 ބަހަކަށް ތަރުޖަމާ ކުރެވިގެން ތައްޔާރުކޮށްފައިވާ އަތްމަތީ ފޮތްތައް ވަނީ ވެސް ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ބެހިފައެވެ.
އެކްސްޕޯގައި އޮތޯރިޓީގެ ސްޓޯލަށް 1000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ހޭލުންތެރިކުރުވުމުގެ ފޮތްތައް ވަނީ އެފަރާތްތަކަށް ފޯރުކޮށްދެވިފައެވެ.