ހަބަރު

"އިންކްލޫސިވް އައުޓްރީޗް އިނީޝިއޭޓިވް" ގެ ނަމުގައު އެފް.ޕީ.އޭއިން ބ. އަތޮޅުގެ 3 ރަށެއްގައި ޑޯރ ޓު ޑޯރ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އައު

20 އޯގަސްޓު 2026

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ)ގެ ފަރާތުން "އިންކްލޫސިވް އައުޓްރީޗް އިނީޝިއޭޓިވް" ގެ ނަމުގައި ބ. އަތޮޅުގެ 3 ރަށެއްގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތަކަށް އަމާޒުކޮށްގެން ޑޯރ ޓު ޑޯރ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޑޯރ ޓު ޑޯ ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 09 އޮގަސްޓު 2026 އިން 12 އޮގަސްޓު 2026 ގެ ނިޔަލަށް، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ބ. އޭދަފުށީގައެވެ. މި ޕްރޮގްރާމްގެ ޒަރިއްޔާއިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތަކަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، މި ޤާނޫނުގެ ދަށުން ލިބިދޭ ޤާނޫނީ ޙައްޤުތަކާއި، ރައްކާތެރިކަމާއި، އެފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ރިޕޯޓު ކުރަންވީ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވުނެވެ. ބ. އަތޮޅުގެ ތިން ރަށެއްގައި ކުރިއަށް ގެންދެވުނު މި ޑޯރ ޓު ޑޯރ ޕްރޮގްރާމްގައި، ޚާއްޞަ އެހީއަށް ބޭނުންވާ 76 ފަރާތަކާއި، އެފަރާތްތަކުގެ އާއިލާތަކަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ އެ ޤާނޫނުގެ ދަށުން ލިބިދޭ ޤާނޫނީ ފަރުވާތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވުނެވެ.
މި ހަރަކާތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުންވަނީ އެފަރާތްތަކަށް ކުރިމަތިވާ ސިއްޙީ އަދި ޢިޖުތިމާއީ ދަތިތަކާއި، ކަންބޮޑުވުންތައް އޮތޯރިޓީއާ ޙިއްޞާކޮށްފައެވެ. އެގޮތުން، އޮތޯރިޓީއާ ޙިއްޞާކޮށްފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކޮށް، އެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް މަގުފަހިކުރުމުގެ މަސައްކަތް މިއޮތޯރިޓީއިން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ އެފް.ޕީ.އޭއިން ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން މިފަދަ ޑޯރ ޓު ޑޯރ ހަރަކާތެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ބ. އޭދަފުށީގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކޮށްލަމެވެ.