ހަބަރު

ރާއްޖޭގެ ފުރަތަމަ "ޕާޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފި އައު

29 މާރިޗު 2026

ނޫނު ނަމްބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު)ގައި މި އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން، 53 ވަނަ މާއްދާގެ ދަށުން ގެވެށި އަނިޔާގެ އަމަލު ހިންގާ ފަރާތްތައް އިސްލާހުވުމަށް އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަކޮށް މުޖުތަމައިން ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމަށް މި އޮތޯރިޓީއަށްވަނީ ލާޒިމުކޮށްފައެވެ. މި ޒިންމާ އަދާކުރުމުގެ ގޮތުން އޮތޯރިޓީގެ ފަރާތުން ވަނީ ޕާރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަރުމާކުރެވި 2025 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރަށް މާފުށި ޖަލުގައި ޕައިލެޓްކުރެވިފައެވެ.  
އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި މިފަދަ ޕްރޮގްރާމެއް ހިންގުނު ފުރަތަމަ ފަހަރެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އާ ގުޅިކެން އޭ.އެޗް.އެމް. ކޮންސަލްޓަންސީ ސޮލިއުޝަންސް ޕވޓ. ލޓޑ. މެދުވެރިކޮށް މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އަންހެން އަދި ފިރިހެން ގައިދީންނަށް ވަކިން ޖުމުލަ ދެ (2) ބެޗަކަށް ބަހާލައިގެން މިޕްރޮގްރާމް ކުރިއަށްގެނެދެވުނެވެ. ޖުމްލަ52 ސެޝަންއެއް ހިމެނޭހެން ކުރިއަށްގެންދެވުނު މި ޕްރޮގްރާމްގައި ނަގާދެވުނު ސެޝަންތަކުގެ ތެރޭގައި ގެވެށި އަނިޔާގެ ބާވަތްތައް، ސައިކަލް އޮފް ވަޔަލެންސް (އަނިޔާ ދައުރުވާ ގޮތް) އަދި ޓްރިގަރސް (އަނިޔާ ކުރެވޭފަދަ ހާލަތަކަށް ތިމާ ހުށަހެޅޭ ކަންކަން)، މޮޑެލް އޮފް ޗޭންޖް (ނުރަނގަޅު އާދައަކާ ދުރުވެ، އައު އާދައެއް އަށަގަނުވުމަށް ބޭނުންކުރާ އުސޫލެއް)، ހަމަނުޖެހުން ޙައްލުކުރުން، ކުށަށް ރުޖޫޢަވެދާނެ ހާލަތަށް ތައްޔާރުވުން، ރުޅި ކޮންޓްރޯލް ކުރުމާއި، ކަންކަން ހައްލުކުރުން ފަދަ މުހިންމުފަދަ މުހިންމު ބައިތައް ހިމެނެއެވެ. 
18 އަންހެން ގައިދީންނާއެކު މިޕްރޮގްރާމްގެ ފުރަތަމަ ބެޗް 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ފަށާފައިވާއިރު، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު މިބެޗް ވަނީ ނިމިފައެވެ. އަދި 16 ފިރިހެން ބައިވެރިންނަށް އަމާޒުކޮށްގެން ދެވަނަ ބެޗް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އަދި 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހު މިބެޗް ވަނީ ނިމިފައެވެ. 
މިޕައިލެޓް ޕްރޮގްރާމުގެ ތަޖުރިބާއަށް ބިނާކޮށް ޕްރޮގްރާމް އިވެލުއޭޓްކުރުމުގެ މަސައްކަތްތައް އޮތޯރިޓީއިން ވަނީ ފަށާފައެވެ. މިއިވެލުއޭޝަންގެ ނަތީޖާއަށް ބިނާކޮށް މިޕްރޮގްރާމް އިތުރަށް ފުޅާކުރެވޭނެއެވެ. އަދި އުންމީދަކީ އިޖްތިމާއީ ދާއިރާ އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިންވެސް މި ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ. ޕާޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމުން ނެރެން ބޭނުންވާ ނަތީޖާއަކީ އަނިޔާކުރާ ފަރާތްތަކުން، އެފަރާތްތަކުގެ އާއިލާތަކާއެކު އަނިޔާވެރިކަމުންދުރުވެ، ސުލަހަވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތުލިބުމެވެ. އަދި މީގެސަބަބުން ގެވެށި އަނިޔާގެ މައްސަލަތައް މުޖްތަމައުގައި ހިނގާވަރު މަދުވުމެވެ.