ހަބަރު

އޮއެވަރު 2026 މެންޓަލް ހެލްތު ކޮންފަރެންސް އިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ދިރާސާ ކަރުދާހަށް "އައުޓްސްޓޭންޑިންގ ޕޭޕަރ އެވޯޑު" އައު

21 މޭ 2026

މޭ މަހުގެ 16 އިން 17 އަށް ކުރިއަށްދިޔަ "އޮއެވަރު 2026 މެންޓަލް ހެލްތު ކޮންފަރެންސް" ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ދިރާސާ ކަރުދާހެއް ވަނީ ހުށަހަޅާފައެވެ. މި ކަރުދާހުގެ ސުރުޚީއަކީ “Evaluation of a Voluntary Domestic Violence Perpetrator Rehabilitation Program in Maafushi Jail”  އެވެ. އޮއެވަރު 2026 މެންޓަލް ހެލްތު ކޮންފަރެންސްގައި މި ކަރުދާހަށް ވަނީ "އައުޓްސްޓޭންޑިންގ ޕޭޕަރ އެވޯޑު" ލިބިފައެވެ.
މި ދިރާސާ ކަރުދާހަކީ މާފުށީ ޖަލުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ، ޕައިލެޓް ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމަކަށް އައުމާ ގުޅިގެން ތައްޔާރުކުރި ކަރުދާހެކެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ އެ ޕްރޮގްރާމް ހިންގުނު ގޮތާއި އޭގެއިން ނުކުތް ނަތީޖާއަށެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދުމަށާއި، ކުށްވެރިންގެ އަޚުލާޤާއި އުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި، ސައިންޓިފިކް ހެކިތަކާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ކަރުދާހުގައި އަލިއަޅުވާލާފައިވެއެވެ.
ދިރާސާ ނިންމުމަށްފަހު "އޮއެވަރު 2026" ކޮންފަރެންސްއަށް ހުށަހެޅުމުން، ރިހެބިލިޓޭޝަނާއި ނަފްސާނީ ދާއިރާއަށް މި ކަރުދާހުން ކޮށްދިން އަގުހުރި ޚިދުމަތް ބަލައިގަނެ، ކޮންފަރެންސްގެ ފަރާތުން ވަނީ "އައުޓްސްޓޭންޑިންގ ޕޭޕަރ އެވޯޑު" އަރުވާފައެވެ. މި ކާމިޔާބީއަކީ ކުރިއަށް އޮތް ތަނުގައި ހިންގާނެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ވަރުގަދަކުރުމަށާއި، ސިޔާސަތުތައް އެކުލަވާލުމުގައި ދިރާސާތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން އިތުރުވަމުންދާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއްވެސްމެއެވެ.
މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި ބައިވެރިވި މުއައްސަސާތަކަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރަމެވެ. އެ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަކީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމަށާއި، މިފަދަ ދިރާސާއެއް ވުޖޫދަށް ގެނައުމުގެ އަސްލެވެ.