ގެވެށި
އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ތަފާސްހިސާބު އެނަލައިޒް ކުރުމުގެ
މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި "އާރް" ސޮފްޓްވެއަރ ބޭނުންކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފެމިލީ ޕްރޮޓެކްޝަން
އޮތޯރިޓީއިން، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ
އެހީތެރިކަމާއެކު އެފަރާތުގެ ތިން ވަނަ އިންޓަގްރޭޓަޑް ގަވަރނަންސް ޕްރޮގްރާމް
(އައި.ޖީ.ޕީ) ދަށުން، މޭ 10 އިން 14 އަށް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމުގައި
އޮތޯރިޓީގެ މުވައްޒަފުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތް ފެމިލީ އެންޑް
ވެލްފެއަރ، ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ
މުވައްޒަފުން ހިމެނޭހެން ޖުމުލަ 24 މުވައްޒަފުން (1 ފިރިހެން، 23 އަންހެން)
ބައިވެރިވެވަޑައިގެންފައިވެއެވެ.
5
ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދެވުނު މި ތަމްރީނު ޕްރޮގްރާމްގައި ޖުމުލަ 10
ސެޝަންއެއް ނަގައިދެވުނެވެ. މި ސެޝަންތަކުގައި އަލިއަޅުވައިލެވުނު ބައިތަކަށް
ބަލާލާއިރުގައި ތަފާސްހިސާބު ބޭނުންކުރުމުގައި ސަމާލުވާން ޖެހޭ ކަންކަމުގެ
ތެރެއިން ލޭބަލްކުރުން، ޑިސްކްރިޕްޓިވް އެނަލިސިސް އަދި ފްރީކުއެންސީ ތާވަލުތައް
ތައްޔާރުކުރުން، ޑެމޮގްރަފިކް ބަދަލުތައް ދިރާސާކުރުން، އާރް-މާރކްޑައުންގެ
އަސާސްތައް، ހައިޕޮތެސިސް ޓެސްޓުކުރުމާއި އިންފަރެންޝަލް ސްޓެޓިސްޓިކްސް އަދި ސާވޭ
ޑޭޓާއާއެކު މަސައްކަތްކުރުން ހިމެނެއެވެ.
ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ
ގާނޫނު) ގެ 53 ވަނަ މާއްދާގެ (އ)ގައި "ގެވެށި އަނިޔާގެ ޢަމަލު ރާއްޖޭގައި
ފެތުރިފައިވާ ނިސްބަތާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި ސަބަބާއި
ޒާތާއި ވަށްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް
ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެ ތެރެއިން ޝާއިޢު ކުރަންޖެހޭ ކަންކަން ޝާއިޢު ކުރުން"
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މި ތަމްރީން
ޕްރޮގްރާމަކީވެސް ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ
ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސް ހިސާބުތައް ހޯދައި އެނަލައިޒް
ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ހިންގުނު
ޕްރޮގްރާމެކެވެ.