ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް ޓްރެއިނަރުން
އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ތަމްރީން ޕްރޮގްރާމެއްވަނީ ހިންގާފައެވެ. ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި
އެކި މުއައްސަސާތަކާއި ޢާންމު ފަރުދުން ހިމެނޭ ގޮތަށް ޖުމްލަ 31 ބޭފުޅުން
ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި ފުލުހުންނާއި، މިނިސްޓްރީ އޮފް ސޯޝަލް
އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ
ބޭފުޅުންނާއި، ސިއްޙީ ދާއިރާގެ ބޭފުޅުންނާއި، ކޯޓުތަކުގައި މަސައްކަތްކުރައްވާ އަދި
މަދަނީ ޖަމާޢަތްތައް ތަމްސީލުކުރައްވާ ބޭފުޅުން ހިމެނެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ޖުމްލަ 12
ސެޝަނެއް ނަގައިދެވިފައިވެއެވެ. މި ސެޝަންތަކުގައި އަލިއަޅުވާލެވިފައިވަނީ ގެވެށި
އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، މިންތީގެ މަފްހޫމްތަކާއި، ވެލިއު ކްލެރިފިކޭޝަނާއި،
އަނިޔާވެރި ގުޅުމަކުން ދުރުވުމަށް ހުރި ހުރަސްތަކާއި، ގެވެށި އަނިޔާއަށް
މަގުފަހިވާ ސަބަބުތަކާއި އަދި ކުރާ އަސަރުތަކާއި، ގެވެށި އަނިޔާ ހުއްޓުވުމުގައި
މަސައްކަތްކުރާ އިދާރާތަކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި،
މައްސަލައެއް ހުށަހެޅިއްޖެކަމުގައިވާނަމަ ރިފަރަލް ފޮނުވަންޖެހޭ އިދާރާތަކާއި، އަނިޔާ
ލިބޭ ފަރާތްތަކަށް އެހީތެރިވެދޭނެ ގޮތްތަކާއިގުޅޭ މައުލޫމާތާއި އަމަލީ
މައިދާނުގައި ބޭނުންކުރަންވީ އުކުޅުތަކަށެވެ.
5 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު މި
ޕްރޮގްރާމަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ
ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން ހުރި ޓްރެއިނަރުން އިތުރުކުރުމުގެ
މަޤްސަދުގައި ކުރިއަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ.