ހަބަރު

"އުދުހިލަން" އެކްޓިވިޓީ ފޮތް އިފްތިތާހްކުރުން އައު

26 އޮކްޓޯބަރު 2026

"އުދުހިލަން: އުފާވެރި، ރައްކާތެރި މުޖުތަމައުއަކަށް" މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. 02 ސެޕްޓެމްބަރު 2025 ގައި އިފްތިތާހުކުރި މި ކެމްޕެއިންގެ އަމާޒަކީ އެކި ބާވަތުގެ ގެވެށި އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް އެކުދިންނަށް އުފާވެރި ރައްކާތެރި މުޖްތަމައެއް ގާއިމްކުރުމެވެ. އަދި ހަމައެއާއެކު މިފަދަ އަނިޔާއެއް ތަހައްމަލުކުރާ ކުދިން އަނިޔާއިން އަރައިގަތުމަށް ބޭނުންވާ ހިދުމަތްތަކާއި އެހީތެރިކަން ހޯދާނެ ގޮތްތަކަށް ބާރުވެރި ކުރުވައި، އެކުދިންގެ ހައްގުގައި ބަސްބުނުމާއި އަނިޔާގެ ހާލަތުގައި އެކަމާއި ދެކޮޅަށް އަޑު އުފުލާނެ ކުދިންތަކެއް ބޮޑުވާނެ މުޖްތަމަޢެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމެވެ.  
މި ކެމްޕެއިންގެ ދަށުން، އުދުހިލަން އެކްޓިވިޓީ ފޮތް ވަނީ އިފްތިތާހްކޮށްފައެވެ. 11 އޮކްޓޯބަރ 2026 ގައި އިފްތިތާހްކޮށްފައިވާ މި ފޮތް އެކުލަވާލާފައިވަނީ އޯގާތެރިކަމާއި، ރައްކާތެރިކަމާއި، ބާރުވެރިކަން، މި ތިން އަސާސްތަކުގެ މައްޗަށެވެ. މި ކަންކަމަށް ކުދިން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ހިމަނާލައިފައިވާ މި ފޮތުގެ ސަބަބުން ކުދިންގެ އުފެއްދުންތެރިކަން އިތުރުކޮށް، އަމިއްލަ އިހްސާސްތަކާއި ހިޔާލުތައް ފާޅުކުރުމަށް މަގުފަހިކޮށްދޭނެއެވެ. މިއީ ކުދިންގެ އަމިއްލަ ފަންނުވެރިކަން ދައްކުވައިދީ، އެކުދިންގެ ހިޔާލުތައް ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. 
 މި ފޮތުގައި ހިމެނޭ ކޮންމެ ހަރަކާތަކާއެކު ބެލެނިވެރިންނަށް ހާއްސަ އިރުޝާދުތަކެއް ހިމަނާފައިވެއެވެ. މި އިރުޝާދުތަކުގެ އެހީގައި، ކޮންމެ ހަރަކާތަކުން ފޯރުކޮށްދޭން ބޭނުންވާ މުހިންމު މެސެޖުތައް ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮޅުންފިލާނެއެވެ. މި ފޮތުގައިވާ ހަރަކާތްތަކުގައި ބެލެނިވެރިންނާއި ކުދިން އެކުގައި ބައިވެރިވުމުން، އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އާއިލީ މާހައުލުގައި ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. 
    "އުދުހިލަން" އެކްޓިވިޓީ ފޮތުގެ ޒަރީއާއިން، ކުޑަކުދިން އެކުދިންގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އޯގާތެރި، އަމިއްލަ ރައްކާތެރިކަމަށް ހޭލުންތެރި އަދި އަމިއްލަ ނަފްސަށް އިތުބާރު އޮތް ކުދީންތަކަކަށް ވުމަށް މަގުފަހިކޮށްދެއެވެ. މީގެ އިތުރުން، މި ފޮތުގައި ހިމެނޭ ތަފާތު ހަރަކާތްތަކުގައި ބެލެނިވެރިން ބައިވެރިކުރުވުމުގެ މައިގަނޑު މަގުސަދަކީ، އާއިލީ ގުޅުންތައް އިތުރަށް ބަދަހިކޮށް، އޯގާތެރިކަމާއި، ރައްކާތެރިކަމާއި، އަދި ބާރުވެރިކުރުވުމާ ގުޅޭގޮތުން ގޭތެރޭގައި ދެކެވޭ ވާހަކަތަކަށް ހިތްވަރުދީ، އެކަންކަމަށް މަގުފަހިކޮށްދިނުމެވެ.