ހަބަރު

"އުދުހިލަން - އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ކެމްޕޭން އިފްތިތާހްކުރުން އައު

02 އޮކްޓޯބަރު 2025

ގެވެށި އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް އުފާވެރި މާހައުލެއް ޤާއިމްކުރުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން "އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ގެ ނަމުގައި ކެމްޕެއިނެއްވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
2 ސެޕްޓެމްބަރ 2025ގައި މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޔުނިސެފް ރެޕްރެޒެންޓޭޓިވް ޓު ދަ މޯލްޑިވްސް ޑރ. އެޑްވާޑް އެޑާއި އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ އާމިނަތު ޝިރާނީ ނަޢީމްއެވެ. މި ރަސްމިއްޔާތުގައި އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، އަދި މަދަނީ ޖަމިއްޔާތައް ތަމްސީލް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގެވެށި އަނިޔާތަކާއި، އަނިޔާ ވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އަނިޔާ ހުއްޓުވުމުގައި މުޖުތަމަޢުގެ ދައުރާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން މައިންބަފައިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުމަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެގެންވާ ގުޅުންތަކަކަށް ހެދުމަށް ބާރުއެޅުމަކީ ވެސް މި ކެމްޕެއިންގެ އަމާޒެކެވެ.
މި ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމަށްފަހު ވަނީ ކަމާގުޅުންހުރި މުއައްސަސާތަކާއެކު "މަޝްވަރާ" ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ކުޑަކުދިންނަށް ކުރިމަތިވާ ތަފާތު އެކި އަނިޔާތަކާއި، ތަފާސްހިސާބުތައް އެއްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
2 އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކުރެވިގެން ހިންގާ ހަރަކާތްތަކުގެ އިތުރަށް، މުޖުތަމައުގެ ވަކި ވަކި އާބާދީތަކަށް ހާއްސަ ކުރެވިގެން ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. މާލެއާއި އަތޮޅު ތެރޭގައި ހިންގާ މި ހަރަކާތްތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެންނެވެ.