ހަބަރު

"އުދުހިލަން" ކެމްޕެއިންގެ ދަށުން، ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޫދުފިލާ ނޭޗަރ ސްކޫލާއި ގުޅިގެން ހާއްސަ ހަރަކާތެއް ހިންގުން އައު

08 ޖޫން 2026

ގެވެށި އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް އުފާވެރި މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢަކަށް" ކެމްޕޭނުގެ ދަށުން ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ. ކުދިންގެ ވަށައިގެންވާ މާހައުލަށް ކުދިން އަހުލުވެރިކުރުވައި، ކުދިންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް އެކުދިން ބާރުވެރިކުރުވުމުގެ ގޮތުން، މޫދުފިލާ ނޭޗަރ ސްކޫލާ ގުޅިގެން ހިންގުނު މި ހަރަކާތުގައި 2 ސެޝަނެއް ވަނީ ކުރިއަށް ގެންދެވިފައެވެ. 
މިގޮތުން ފުރަތަމަ ސެޝަންގައި، އެ ސްކޫލުން ކުރިއަށް ގެންދާ ކުޑަގޮނޑި ޖެހުމުގެ ހަރަކާތް ވަނީ 16 މެއި 2026ވަނަ ދުވަހު ބާއްވާފައެވެ. މި ހަރަކާތުގައި ޖުމްލަ 11 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ މަޤްސަދަކީ ކުދިންގެ އުފެއްދުންތެރިކަމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި، ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކޮށް އެކުދިންގެ ކުރިއެރުމަށް ބޭނުންވާނެ އަމަލީ އަދި ދެމެހެއްޓެނިވި ހުނަރުތައް ދަސްކޮށްދިނުމެވެ. މީގެ އިތުރުން ކުދިންނާއި މައިންބަފައިންނާއި އަދި މުޅި މުޖުތަމައާއެކު އޮންނަ ގުޅުމަކީ އޯގާތެރި އަދި ބަދަހި ގުޅުމަކަށް ހެދުމަށް މަގުފަހިކޮށްދިނުމެވެ.  
ދެވަނަ ސެޝަނެއްގެ ގޮތުގައި، 23 މެއި 2026 ގައި މޫދުފިލާ ނޭޗާރ ސްކޫލްއިން ވަނީ "މެރިން ބަޔޮލޮޖީ - އިންޓަރޓައިޑަލް އެކްސްޕްލޯރާސް" ގެ ނަމުގައި ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. 14 ކުދިން ބައިވެރިވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ކުދިންގެ ވަށައިގެންވާ ވެށީގެ ދިރުންތައް އެހެން ކުދިންނާއި ގުޅިގެން ހޯދައި ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ހަރަކާތުގައި ކަނޑުގެ ދިރުންތަކާ ބެހޭ މާހިރުންނާއެކު، ވިލިގިނލީގެ ފަރުތަކަށް ގޮސް، އެ ތަންތަނުގައިވާ ދިރުންތައް ރައްކާތެރިކަމާއެކު ބަލައި، ދިރާސާކުރުމުގެ ފުރުސަތު މަގުފަހިވެގެން ދިޔައެވެ. އާ ކަންތައްތައް ހޯދައި ބެލުމުގެ ޝައުގުވެރިކަމާއި އަމަލީ ތަޖުރިބާގެ ތެރެއިން، އިންސާނުންނާއި އެހެނިހެން ދިރޭ ތަކެއްޗަށް އޯގާތެރިވުމުގެ މުހިންމުކަމާއި، އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް، އަދި ދިރޭ ތަކެއްޗަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަން އެކުދިންނަށް ދަސްކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދިޔައެވެ. 
"އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ކެމްޕެއިނަކީ ގެވެށި އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް އުފާވެރި މާހައުލެއް ޤާއިމްކުރުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން 2 ސެޕްޓެމްބަރ 2026ގައި އިފްތިތާހް ކުރެވުނު ކެމްޕެއިނެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގެވެށި އަނިޔާތަކާއި، އަނިޔާ ވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އަނިޔާ ހުއްޓުވުމުގައި މުޖުތަމަޢުގެ ދައުރާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން މައިންބަފައިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުމަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެގެންވާ ގުޅުންތަކަކަށް ހެދުމަށް ބާރުއެޅުމަކީ ވެސް މި ކެމްޕެއިންގެ އަމާޒެކެވެ.