ގެވެށި އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް އުފާވެރި މާހައުލެއް ޤާއިމްކުރުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން 2 ސެޕްޓެމްބަރ 2024 ވަނަ ދުވަހު "އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފައިވާއިރު، މި ކެމްޕެއިނަކީ، އެކި ބާވަތުގެ ގެވެށި އަނިޔާ ތަހައްމަލުކުރަމުންދާ ކުދިން އަނިޔާއިން އަރައިގަތުމަށްޓަކައި ބޭނުންވާ ޚިދުމަތްތަކާއި އެހީތެރިކަން ހޯދާނެ ގޮތްތަކަށް ބާރުވެރި ކުރުވައި، އެކުދިންގެ ޙައްޤުގައި ބަސްބުނުމާއި އަނިޔާގެ ހާލަތުގައި އެކަމާއި ދެކޮޅަށް އަޑު އުފުލާނެ ކުދިންތަކެއް ބޮޑުވާނެ މުޖުތަމަޢެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމުގެ އުއްމީދުގައި ކުރިޔަށްގެންދާ ކެމްޕެއިނެކެވެ.
މިގޮތުން "އުދުހިލަން" ކެމްޕެއިނުގެ މައިގަނޑު މަޤުސަދަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގެވެށި އަނިޔާތަކާއި، އަނިޔާ ވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އަނިޔާ ހުއްޓުވުމުގައި މުޖުތަމަޢުގެ ދައުރާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން މައިންބަފައިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުމަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެގެންވާ ގުޅުންތަކަކަށް ހެދުމަށް ބާރުއެޅުމަކީ ވެސް މި ކެމްޕެއިންގެ އަމާޒެކެވެ.
"އުދުހިލަން" ކެމްޕެއިންގެ ދަށުން، 5 ޑިސެމްބަރު 2025 ވަނަ ދުވަހު ކުޑަކުދިންނާއި އާއިލާތަކަށް ޙާއްސަކޮށްގެން މާލޭގެ ސޯޝަލް ސެންޓަރ ގައި ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން 'އެކްސްޕްރެސިވް އާރޓް އިވެންޓް' އެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ފާހަގަ ކުރުމުގެ ގޮތުން ހިންގުނު އިވެންޓެކެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިނަކީ، 1991 ވަނަ އަހަރު، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ތެރެއިން، ޚާއްޞަކޮށް އަންހެނުންނަށް ކުރާ އަނިޔާ އަކީ އިންސާނީ ޙައްޤުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ބަލައިގަނެ، އެކަމަށް ސަމާލުކަން ދިނުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި އަހަރުގެ ކެމްޕެއިންގެ ބައިނަލްއަޤްވާމީ ޝިޢާރަކީ "ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހުރިހާ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން" (End digital violence against all women and girls ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި، ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން އަދި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި މި އިވެންޓްގައި، ކުޑަކުދިންނާއި އާއިލާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުން ބަދަހިކުރުމަށާއި، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ހުނަރާއި، އަމިއްލަ ވިސްނުން ތަރައްޤީކުރުމަށް ބާރުއެޅޭފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވެއެވެ.
ކުދިންގެ ފަންނާއި ހުނަރުތައް ދައްކާލުމަށް އެކުދިންނަށް ޕްލެޓްފޯމެއް ފޯރުކޮށްދިނުމުގެ އިތުރުން، އިވެންޓް ކުރިޔަށްދިޔަ ސަރަހައްދުގައި އެކި ސްޓޯލްތަކުން ކުދިންނާއި ގުޅޭ ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ކުރިޔަށްގެންގޮސްފައިވެއެވެ. މީގެ އިތުރުން، ބެލެނިވެރިންނަށް ހާއްސަކޮށް، ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅުންހުރި ތަފާތު މައުލޫމާތު ސްޓޯލްތަކުން ހިއްސާކޮށްފައިވެއެވެ.
މި އިވެންޓް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، ސޮސައިޓީ ފޯރ ހެލްތް އެޑިޔުކޭޝަން އަދި ގާރލް ގައިޑް އެސޯސިއޭޝަން އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި ޔުނިސެފް މޯލްޑިވްސްގެ ފަރާތުން "އުދުހިލަން" ކެމްޕެއިންގެ ހަރަކާތްތަކަށް އޮތޯރިޓީއަށް ދެއްވާ އެހީތެރިކަން ފާހަގަކޮށް އެފަރާތަށް ޝުކުރު ދަންނަވަމެވެ.