ފެމިލީ ޕްރޮޓެކްޝަން
އޮތޯރިޓީއާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަން ގުޅިގެން، އަޑު އިވުމުގެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ 1
ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ވަނީ 2024 އޮކްޓޯބަރ 12 ވަނަ ދުވަހު ކުރިއަށް
ގެންދެވިފައެވެ. މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މިންތީގެ މަފްހޫމްތަކަށް
ބައިވެރިން އަހުލުވެރިކުރުވުމާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް
ހޭލުންތެރިކަން އިތުރުކުރުމާއި އަދި ދުޅަހެޔޮ ގުޅުންތަކުގައި ހިމެނޭ ބައިތަކަކީ
ކޮބައިކަން ދެނެގަނެ، ދިރިއުޅުމުގައި އަމަލީގޮތުން އެކަންކަން ދެއްކޭނެ ގޮތްތަކަށް
އަހުލުވެރިކުރުވުމެވެ. 6 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި މަސައްކަތު
ބައްދަލުވުމުގައި ސެޝަންތައް ފަރުމާ ކުރެވިފައިވަނީ، ތަފާތު އެކި ހަރަކާތްތަކާ
އެކީގައި، ބައިވެރިވުން ފުރިހަމައަށް ލިބޭނެ ފަދަ ގޮތަކަށެވެ. މި ބައްދަލުވުމުގައި
ޖުމްލަ 20 ބައިވެރިން ބައިވެރިވެފައިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި
އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "ސައިން
ލެންގުއޭޖް" މެދުވެރިކޮށް ތަރުޖަމާ ކޮށްދީފައިވަނީ އަލްފާޟިލާ މަރިޔަމް
ފަޒްނީއެވެ. މި ފުރުސަތުގައި، އޮތޯރިޓީން ރާވާ މިފަދަ ހުރިހާ މަސައްކަތްތަކުގައި
ފަޒްނީގެ ފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް،
އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.