ހަބަރު

ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ ހޭލުންތެރިކުރުވުމުގެ ކެމްޕެއިން

27 އޭޕްރީލު 2014

ކްލަބް މޯލްޑިވްސްއިން އިސްނަންގަވައިގެން ކުރިއަށްގެންދާ މައިލޯ ކްލަބް މޯލްޑިވްސް ފުޓްސެލް މުބާރާތުގެ ތެރޭގައި ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ ހޭލުންތެރިކަން އިތުރުކުރުވުމުގެ ކެމްޕެއިން 4 އޭޕްރިލް 2014 ގައި ފެށިއްޖެއެވެ. މި ކެމްޕެއިންއަކީ ކްލަބް މޯލްޑިވްސްއިން އިސްނަންގަވައިގެން ކުރިއަށްގެންދާ ފުޓްސެލް މުބާރާތުގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިންއެކެވެ. މިކެމްޕެއިންގެ މަޤްޞަދަކީ ކުޅިވަރު މެދުވެރިކޮށް ފުޓްސެލް މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައާއި، މުބާރާތުގެ މެޗުތައް ބަލަން ދާފަރާތްތަކުގެ މެދުގައި މީޑިއާ ކެންޕޭންއާއި އަދި އެހެނިހެން ގޮތްގޮތުންވެސް މުބާރާތް ޕްރޮމޯޓް ކުރެވޭއިރު އިޖުތިމާއީ މައްސަލަތަކާއި ގުޅޭ މެސެޖްތައް ގިނަ ފާރާތްތަކަށް ފޯރުކޮށްދިނުމެވެ.

ގެވެށި އަނިޔާއާދެކޮޅަށް މިހިންގާ ހޭލުންތެރިކުރުވުމުގެ ކެމްޕެއިންގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ، މޯލްޑިވްސް ޕޮލިސް ސާވިސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ހިއުމަން ރައިޓްސް ކޮންމިޝަން އޮފް މޯލްޑިވްސް،  މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން، ހޯޕް ފޮރ ވިމެން، ސޮސައިޓީ ފޮރ ހެލްތް އެޑުއުކޭޝަން، ޔޫތް ވޮލަންޓިއަރސް ނެޓްވަރކް، ދިވެހި ރެޑް ކްރެސެންޓް، ޔުނިސެފް އަދި ފާލަން ބައިވެރިވެފައިވެއެވެ. މައިލޯ ކްލަބް މޯލްޑިވްސް 2014 ، 30/18 ވިމެންސް ފުޓްސެލް ފިއެސްޓަރ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ ހޭލުންތެރިކުރުވުމުގެ ކެމްޕެއިން ފެށުމުގެ ގޮތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ އާމިނަތުއީނާސް ވާހަކުފުޅު ދެއްކެވިއެވެ. އެއްމަސްދުވަހަށް ދިގުދެމިގެންދާ މިކެމްޕެއިން ނިމުމަށް ހަމަޖެހިފައިވަނީ 3 މެއި 2014 ގައެވެ.