ހަބަރު

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވުން

08 އޯގަސްޓު 2023

ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަންނެތް މީހަކު ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް މިޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިއޮތޯރިޓީ އާއި ފެމިލީ ލީގަލް ކްލިނިކްއާއެކު 3 އޯގަސްޓް 2023 ވަނަ ދުވަހު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ނެތް ކޮންމެ މީހަކަށްވެސް މި ޚިދުމަތަށްއެދި  ހުށަހެޅޭނެއެވެ. ޚިދުމަތަށް އެދޭފޯމު މި އޮތޯރިޓީގެ ކައުންޓަރު (ހ.މައިޒާންދޮށުގެ، ދެވަނަ ފަންގިފިލާ) އިންނާއި ވެބްސައިޓު (http://fpa.gov.mv) ން ލިބެންހުންނާނެއެވެ. އަދި ފޯމުތައް އޮތޯރިޓީގެ ކައުންޓަރަށް ނުވަތަ legalaid@fpa.gov.mv އަށް ހުށަހެޅޭނެއެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި އޮތޯރިޓީން ފޯރުކޮށްދޭ  ޚިދުމަތްތަކުގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ލިބޭ ރައްކާތެރިކަމާ ހައްޤުތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށްއެދި ކޯޓަށް ހުށަހަޅަންޖޭހޭ ފޯމުތައް ފުރިހަމަކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އޭގެ އިތުރުން ޝަރީޢަތުގެ މަޖިލީހުގައި ގެވެށިއަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ތަމްސީލުކުރުންހިމެނެއެވެ.
އޮތޯރިޓީއިން މި ޚިދުމަތް ފޯރުކޮށްދޭން ފެށުމުގެ އެންމެ މުހިއްމު އެއް މަގްސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފަސޭހަކަމާ އަވަސްކަމާއެކު އަދުލު އިންސާފަށް ވާސިލުވުމަށް އެހީތެރިވެދީ އަދުލު އިންސާފަށް ވާސިލުވުމަށް ހުރި ހުރަސްތައް ނައްތާލުމެވެ.